ހަބަރު

މާވަށު ވަޑާންގެއަކުން ވައްކަން ކުރި މީހަކު ހައްޔަރު ކޮށްފި

ލ.މާވަށުގައި ހުރި ވަޑާން ގެއަކުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާވަށު ވަޑާން ގެއަކުން ވައްކަންކޮށްފައިވާ ކަމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ވަގަށް ނަގާފައިވާ ތަކެތި ހޯދާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ ދެ ބުރުމާ ކައްޓާއި، ކޭސިން ކަޓަރަކާއި، ދެ މާކަރީ ލައިޓާއި، ވަށް ކަރަންޓް ކީހެއްގެ އިތުރުން ރަހަފަތިގަނޑެކެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ މާވަށުން 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާވަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ބުންޏެވެ.