ހަބަރު

މިދިޔަ އަހަރު 000،11 އަށް ވުރެ ގިނަ މީހުންގެ ބަންދާމެދު ގޮތެއް ކްރިމިނަލް ކޯޓަށް ނިންމަން ހާޒިރުކުރި

Jan 11, 2015

މިދިޔަ އަހަރު ކްރިމިނަލް ކޯޓުން 11،000 އަށް ވުރެ ގިނަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމާފައިވާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

އެ ކޯޓުން މިއަދު އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން ކުށުގެ ތުހުމަތުގައި ބަންދާ މެދު ގޮތެއް ނިންމުމަށް 11،159 މީހުން މިދިޔަ އަހަރު އެ ކޯޓަށް ހާޒިރުކޮށްފައިވެ އެވެ. އޭގެ ތެރެއިން 9088 މީހުން ބަންދުގައި ބަހައްޓަން އަމުރު ނެރެދީފައިވާއިރު ބަންދުން ދޫކޮށްލަން އަމުރު ނެރެފައިވަނީ 2071 މީހަކު ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތައް ބުނާގޮތުން ބަންދާ ގޮތެއް ނިންމަން ހާޒިރުކުރި މީހުންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންނެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކަނި ވެސް 5797 މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރިއިރު އެއީ މިދިޔަ އަހަރު ބަންދާ މެދު ގޮތެއް ނިންމި މީހުންގެ 53 އިންސައްތަ ކަމަށް އެ ހިސާބުތަކުގައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ގެނައި ވައްކަމުގެ މައްސަލަތަކުގައި 2306 މީހަކު ކޯޓަށް ގެނެސްފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ކޯޓުން ކުރިން އާންމުކޮށްފައިވާ ހިސާބުތައް ބުނާގޮތުން މިދިޔަ އަހަރު އެ ކޯޓަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވެސް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ.