ލައިފްސްޓައިލް

އިންޑިޔާ އާއި "ގެރިލޯބި"

ގެރިތަކެއް ކަތިލަން އުޅޭކަމަށް ތުހުމަތުކޮށް ހަރުކަށި ހިންދޫއިންގެ ބަޔަކު އަނެއްކާވެސް މުސްލިމެއްގެ ގައިގާ ތަޅާ މަރާލި ހަބަރާއެކު އިންޑިޔާގެ ހިންދޫއިން ގެރިއަކަށްޓަކާ އިންސާނެއްގެ ފުރާނަ ދުއްވާލަން ފަސް ނުޖެހޭ ކަން މި ވަނީ އަނެއްކާ ވެސް ހާމަކޮށްދީފައެވެ. އަދި އިންޑިޔާއަކީ މުސްލިމުންނަށް ސަލާމަތްތެރި ތަނެއްތޯ ކުރެވޭ ސުވާލު މިވަނީ އިތުރުވެފައެވެ.

މި ފަހަރު މަރާލީ 20 އަހަރުގެ ނޫމާން ނަމަކަށް ކިޔާ ޒުވާނެކެވެ. ހިމާޝަލް ޕްރަދޭޝްގެ ބަޔަކު އޭނާއަށް ހަމަލާދިނީ، އޭނާ ހަތަރު ގެރި އެހެން ހިސާބަކަށް ޓްރަކެއްގައި ގެންދަނިކޮށެވެ. އޭނާ އެ ގެރިތައް ގެންދަނީ ކަތިލަން ކަމަށް ބުނެއެވެ.

ފުލުހުން ބުނީ ނޫމާނާއި އެކު މަސައްކަތުގައި އުޅުނު އިތުރު ހަތަރު މީހަކަށް ވެސް މި ގުރޫޕުން ހާނީއްކަ ކުރި ކަމަށާއި އެކަމަކު އެމީހުން އަނިޔާތަކަކާއެކު ސަލާމަތްވީ ކަމަށެވެ. ސަލާމަތްވި މީހުންގެ މައްޗަށް ވަނީ ޖަނަވާރުގެ ވަގު ވިޔަފާރި ކުރުމާއި ގެރި ކަތިލުމުގެ ދައުވާ އުފުލާފައެވެ.

ނޫމާން މަރާލި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. އާންމުގޮތެއްގައި މިކަހަލަ މެރުން ތަކުގައި ބައިވެރިވާ މީހުން ހޯދުމަށް އިންޑިޔާގައި އެދެވޭ މަސައްކަތެއް ނުކުރެވޭ ކަމަށް ވެއެވެ. އެފަދަ މީހުން ހޯދުމަށް އާންމުންގެ އެއްބާރުލުމެއް ވެސް ނުލިބެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން، ގެރިމަސް ކާ ކަމަށް ބުނެ ހިންދޫ ގުރޫޕަކުން މުސްލިމް އާއިލާއެއްގެ ގެއަށް ވަދެގަނެ އާއިލާގެ ކުރިމަތީގައި އެގޭ ފިރިހެން މީހާ ގައިގާ ފަހާފޮށްޓަކުން ތަޅާ މަރާލި ހާދިސާގައި ވެސް ކަންހިނގި ގޮތަށް ބަލާއިރު އެ ސަރަހައްދުގެ މީހުން އެކަމަކާ ހިތާމައެއް ނުކުރެއެވެ. ގާތިލުން ކުށްވެރި ނުކުރާ މީހުން ގިނައެވެ. އެ އަމަލު ހިންގި މީހުންނަށް އަދަބެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް ނޭންގެއެވެ.

ހިމާޝަލް ސްޓޭޓްގައާއި އިންޑިޔާގެ ބައެއް އެހެން ހިސާބު ތަކުގައި ގެރި ކަތިލުމަކީ ގާނޫނީ ކުށެކެވެ. ހިންދޫއިން ގަބޫލުކުރާ ގޮތުގައި ގެރި އަކީ މުގައްދަސް ޖަނަވާރެކެވެ. އަދި ގެރި ކަތިލުމާއި ގެރިމަސް ކެއުމަކީ ހުއްދަ ކަމެއް ނޫންކަމަށް ވަރަށް ގިނަ ހިންދޫއިން ގަބޫލުކުރެއެވެ. އިންޑިޔާގެ އާބާދީގެ އަށްޑިހަ ޕަސެންޓަކީ ހިންދޫއިންނެވެ.

އިންޑިޔާގެ އަވަށް ތަކުގައި ގެރި ކަތިލުމާއި ގެރި މަސް ކެއުމަކީ މައްސަލަ ބޮޑުވާ ކަމެއް ކަމަށް ވިޔަސް، އިންޑިޔާއަކީ މުޅި ދުނިޔޭން ވެސް އެންމެ ގިނައިން ގެރިމަސް ބޭރުކުރާ ގައުމެވެ. އަދި ފަސް ވަނައަށް އެންމެ ގިނައިން ގެރިމަސް ކާ ގައުމު ވެސް މެއެވެ.

މުސްލިމުންގެ ބައިވެރިވުން ބޮޑު މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މުޅި އިންޑިޔާގައި ގެރިމަސް މަނާ ކުރުމަށެވެ. ގެރި ކަތިލުމާއި ގެރިމަހުގެ ވިޔަފާރިވެސް މަނާ ކުރުމަށެވެ. އެހެން ކަމަށް ވެއްޖެ ނަމަ ދުނިޔޭގެ އެހެން ހިސާބުތަކުގައި ބީފްގެ އަގަށް ބަދަލުއައުން އެކަށީގެން ވެއެވެ.

އިންޑިޔާގައި މުސްލިމުންނާ ހިންދޫއިންގެ މެދުގައި ހަމަނުޖެހުން އުފެދޭ މައިގަނޑު މައްސަލައަކަށް މުދުވަސްވަރު ގެރިމަސް ވެފައި ވާއިރު، އިންޑިޔާގެ ބައެއް މުސްލިމް އިލްމުވެރިން ދެކޭ ގޮތުގައި އިންޑިޔާގެ މައި ދެ ދީނުގެ މެދުގައި ގެރިއާއި ހެދި ހަމަނުޖެހުން އުފެއދުމުގެ މާނައެއް ނެތެވެ. މިގޮތުން އިލްމުވެރިއެއް ކަމަށްވާ މައުލާނާ ހާލިދު ރަޝީދު ދެކިލައްވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ މުސްލިމުންވސް އިންޑިޔާގައި ގެރި މަހާއި ދުރުވުމެވެ. ގެރިއަކާއި ހެދި އިންސާނުން ކަތިލާނަމަ ކޮންމެސް އެއް ކޮޅަކުން ދުލެއް ދީގެން ނަމަވެސް ހައްލެއް ހޯދަން އެބަ ޖެހޭ ނޫން ހެއްޔެވެ؟