ރެއާލް މެޑްރިޑްގެ ކޯޗަކަށް ވުމާ ވަރަށް ކައިރިއަށް ދެވުނު ކަމަށް އިންޓަ މިލާންގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި، ކޮންޓޭގެ އިންޓަ މިރޭ ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މިރޭގެ މެޗުގެ ކުރިން ކޮންޓޭ ބުނީ، ރެއާލްގެ ކޯޗަކަށް ވުމަށް ދެ ފަހަރަށް އޭނާއަށް ފުރުސަތު ލިބުނު ކަމަށެވެ. އެހެން ނަމަވެސް ސީޒަން މެދުތެރެއިން ލިބުނު ފުރުސަތު ބޭނުން ކުރަން ބޭނުން ނުވީ ކަމަށް ޔުވެންޓަސް އާއި ޗެލްސީގެ ކުރީގެ ކޯޗް ބުންޏެވެ.
"ފުރުސަތު އަހަންނަށް ހުށަހެޅުނު،" ރެއާލް މެޑްރިޑްގެ ކޯޗަކަށް ވުމަށް ލިބުނު ފުރުސަތާ ބެހޭ ގޮތުން ކޮންޓޭ ވާހަކަ ދެއްކި އެވެ. "ނަމަވެސް އެއީ އެންމެ ރަނގަޅު ވަގުތެއް ނޫން. އަހަންނަށް ހުށަހެޅުނު ދެ ފަހަރެއްގެ މަތިން. ނަމަވެސް އޭރު ސީޒަން އޮތީ ފެށިފައި. އަހަރެން ހިތަށް އެރީ ސީޒަންގެ މެދުތެރެއިން ގޮސްގެން ހާލަތު ކަންކަން ބަދަލު ކުރަން ފަސޭހައެއް ނުވާނޭ. އަހަންނަށް މަގާމު ހުށަހެޅުމުން އަހަރެން އެކަންކަން ތަފުސީލު ކޮށްދިނިން."
ކޮންޓޭ ބުނީ މިހާރު އޭނާގެ ހުރިހާ ސަމާލުކަމެއް ވަނީ އިންޓައަށް ދީފައި ކަމަށެވެ. އިންޓަ މިލާންގައި އޭނާ ބިނާ ކުރާ މަސައްކަތް ވާނީ ވަރަށް މުހިންމު މަސައްކަތަކަށް ކަމަށް އިޓަލީގެ ކުރީގެ ކޯޗް ބުންޏެވެ.
މިރޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޮންޓޭ ބުނީ އިދިކޮޅަށް ނިކުންނަ ޓީމަށް ބަލާފައި މެޗަށް ޓީމު އަތުރާލާގޮތް ތަފާތު ކުރާ ކަމަށެވެ. އޭނާ ބުނީ ރެއާލް މެޑްރިޑާ އެހެން ޓީމުތަކާ ތަފާތު ކަމަށެވެ.
"ރެއާލް މެޑްރިޑާ ދެކޮޅަށް އަހަރެމެން ނުކުންނާނީ އުނދަގޫ ކުރިމަތި ވާނެކަން ދެނެގެން،" މިރޭ މެޗާ ބެހޭގޮތުން ކޮންޓޭ ބުންޏެވެ. "އަހަރެމެން މިހުރީ އެކަމަށް ތައްޔާރު ވެގެން."
ކޮންތޭ ވަނީ ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ޒިދާން އާ މެދު ހީކުރެވުނު ގޮތަށް ކޯޗެއްގެ ގޮތުގައިވެސް ރަނގަޅު މަސައްކަތެއް އޭނާ ކޮށްފައިވާ ކަމަށެވެ. ރެއާލްގެ ވަގުތީ ހޯމް ދަނޑު އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1:00 ގަ އެވެ.