ބޮލީވުޑް

ދިނޭޝްގެ "ދަސްވީ"ގައި އަބީޝެކަށް ވަރުގަދަ ރޯލެއް

ދިނޭޝް ވިޖަންގެ އާ ފިލްމު "ދަސްވީ"ގެ ބަތަލުގެ ރޯލަށް އަބީޝެކް ބައްޗަން ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ. މި ފިލްމުގެ ބަތަލާއިންނަކީ ޔަމީ ގޯތަމް އާއި ނިމްރަތު ކޯރެވެ.

އަބީޝެކް މި ފިލްމުގައި ކުޅޭނީ މިހާތަނަށް އެއްވެސް ފިލްމެއްގައި އޭނާ ކުޅެފައިވާ ކަހަލަ ތަފާތު ރޯލެވެ. އެއީ ވަރަށް ހިޔާނާތާއި މަކަރުން ފުރިގެންވާ ޗީފް މިނިސްޓަރެއް ރޯލެވެ. ނަމަވެސް މިއީ އިންޑިޔާގެ ސިޔާސީ މީހުންގެ ތެރެއިން ކާކުގެ ވާހަކައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

މީގެ ކުރިން އަބީޝެކް ވަނީ "ސަރްކާރް ރާޖް"ގައި މިފަދަ ކޮރަޕްޓް ޕޮލިޓީޝަނެއްގެ ދަރިއެއްގެ ރޯލު އަދާކޮށްފަ އެވެ. އެ ފިލްމުގައި ކޮރަޕްޓް ޕޮލިޓީޝަންގެ ރޯލު އަދާކުރީ އަބީޝެކްގެ ބައްޕަ އަމީތާބު ބައްޗަން އެވެ. މި ފިލްމު އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ވަރަށް އަވަހަށް އިއުލާންކޮށް ޝޫޓިން ފަށާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އަބީޝެކް މިހާރު ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން ރިލިޒްވުމުގެ މަގުމަތީގައި އޮތީ "ދަ ބިގް ބުލް" ކިޔާ ފިލްމެކެވެ. ކޫކޫ ގުލާޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ އަޖޭ ދޭވްގަން އާއި އާނަންދު ޕަންޑިތު އަދި ވިކްރާންތު ޝަރުމާ އާއި ކުމާރު މަންގަތު ޕާތަކް އެވެ. މި ފިލްމު ބޮޑު ސްކްރީންގައި ރިލީޒްކުރުމުގެ ބަދަލުގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރެމިއާ ކުރަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އަދި ރިލީޒްކުރާ ދުވަހެއް އިއުލާނެއް ނުކުރެ އެވެ.