ބޮލީވުޑް

ވައިއާރްއެފްގެ އާ ފިލްމުގައި ވިކީ އާއި މާނޫޝީ

ޔާޝް ރާޖް ފިލްމްސް އަށް 50 އަހަރު ފުރުން ފަހަގަކުރުމަށް އެ ކުންފުނިން ހިންގާ "ވައިއާރްއެފް 50"ގެ ކެމްޕެއިންގެ ދަށުން އުފައްދަން ހަމަޖެހިފައިވާ ފިލްމެއްގެ ލީޑް ރޯލު ވިކީ ކޯޝަލް އާއި މާނޫޝީ ޗިލާ އަށް ލިބިއްޖެ އެވެ.

ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާގެ މި ފިލްމަކީ ސޯޝަލް ކޮމެޑީ އެކެވެ. މުމްބައިގެ ޔާޝް ރާޖް ސްޓޫޑިއޯގައި މި ފިލްމަށް ކަނޑައަޅާފައިވާ ޓީމުން ފިލްމުގެ މަސައްކަތް ވަރަށް މަޑުމަޑުން ތިބެގެން ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

ފިލްމު ރަސްމީކޮށް އިއުލާންކުރާނީ ވައިއާރްއެފް އަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއްގަ އެވެ. މި ފިލްމާ އެކު "ޓައިގާ 3" އާއި ޝާހްރުކް ޚާން ލީޑް ރޯލު ކުޅޭ "ޕަޓާން" އަދި އިތުރު ފިލްމުތައް ވެސް އިއުލާން ކުރާނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.
މި ފިލްމަކީ ޔާޝް ޗޯޕްޅާ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން އޭނާ ދެ ވަނަ އަށް އުފެއްދި "ދަރަމްޕުތުރާ"އާ ގުޅުން ހުރި މައުލޫއަކަށް އުފައްދާ ފިލްމެކެވެ.

ފިލްމުގެ ޝޫޓިންގަށް ހާއްސަ ސެޓެއް މިހާރު ތައްޔާރުކޮށްފައި ވެ އެވެ. މި ފިލްމަކީ ވައިއާރްއެފް ޕްރޮޖެކްޓެއްގައި ވިކީ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މާނޫޝީ ފިލްމީ ދުނިޔެއަށް ތައާރަފްވާނީ ވައިއާރްއެފްގެ "ޕްރިތުވީރާޖް" އިންނެވެ. އަކްޝޭ އާއެކު މާނޫޝީ ކުޅޭ މި ފިލްމުގެ ޝޫޓިން ވެސް މިހާރު ކުރިޔަށް އެބަދެ އެވެ.

ވިކީ އާއި މާނޫޝީގެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2021 ގައެވެ.