ބަނގުރޫޓް ވުމުގެ ބިރު ކުރިމަތި ވެފައިވާ އެފްސީ ބާސެލޯނާގެ ކުޅުންތެރިންގެ މުސާރަ ދަށް ކުރާއިރު ކެޕްޓަން ލިއޮނެލް މެސީއަށް ވީތީ ވަކި ހާއްސަ ގޮތެއް ނުގެންގުޅެން ބާސާއިން ނިންމައިފި އެވެ.
ބަނގުރޫޓް ވުމުގެ ކުރިން ބާސާއިން ނިންމާފައި ވަނީ އެ ޓީމުގެ ހަރަދުތަކުގެ ތެރެއިން 300 މިލިއަން ޔޫރޯ ސަލާމަތް ކުރުމަށެވެ. މާލީ ގޮތުން ހަމަޖެހުމެއްގެ ތެރޭގައި އޮންނަން ބޭނުންނަމަ ބާސާއަށް ޖެހިފައި ވަނީ އެ ކުލަބުގެ ކުޅުންތެރިންގެ މުސާރަ ދަށް ކުރުމެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން ބާސާއަށް ވެސް ވަނީ މާލީ ގޮތުން ގެއްލުންތަކެއް ވެފަ އެވެ. އެކަން ފުބެއްދުމަށް އެ ކުލަބުން ވަނީ ކުޅުންތެރިންގެ މުސާރަ ދަށް ކުރުމަށް ދެ ވަނަ ފަހަރަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް އެކަމާ ކުޅުންތެރިން އެއްބަހެއް ނުވެ އެވެ.
ބާސާގެ ވަގުތީ ބޯޑުން މިހާރު އުންމީދު ކުރަނީ ކުޅުންތެރިންގެ ވޭޖް ބިލް ކުޑަ ކުރުމަށެވެ. އެކަމުގައި އެންމެ ފުރަތަމަ ކެޕްޓަން މެސީގެ މުސާރަ ދަށް ކުރުން ހިމެނެ އެވެ. މެސީއަށް މުސާރައިގެ ގޮތުގައި ހަފުތާއަކު 646,000 ޑޮލަރު ބާސާއިން ދެ އެވެ. ބާސާގެ ވަގުތީ ރައީސް ކާލޭސް ޓްސްކެޓްސް ވިދާޅުވެފައި ވަނީ މެސީ އަށް ވީތީ ވަކި ގޮތެއް ހެދުމެއް ނެތް ކަމަށެވެ.
ބާސާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަ ވާނީ އަންނަ ޖޫން 30 ގަ އެވެ. މެސީ ވަނީ ސީޒަން ފެށުމުގެ ކުރިން ކުލަބު ދޫކޮށްލުމަށް އެދިފަ އެވެ. އެހެންނަމަވެސް އޭނާ ދޫކޮށްލަން ބާސާގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ބޭނުމެއް ނުވި އެވެ.
ޓްސްކެޓްސް ވިދާޅުވީ މުސާރަ ދަށް ކުރުމަށް މެސީގެ އިތުރުން އެހެން ކުޅުންތެރިންނާއެކުވެސް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމިދު އެބައޮތް ކަމަށެވެ. އޭނާ ބުނީ އެއްވެސް ކުޅުންތެރިޔެއްގެ މުސާރައިން އެއްޗެއް އުނި ކުރަން ބޭނުން ނުވާ ކަމަށާއި ނަމަވެސް މި ވަގުތު ބައެއްކަންކަން ހަމަޖެއްސުމަށްޓަކައި މުސާރައިން ބައެއް އުނި ކުރަން ޖެހޭ ކަމަށެވެ.
"މިހާލަތަށް ބަލާއިރު އޮތް ހައްލަކީ އުނިކުރާ ބައި ފަހުން ދެވެން އޮތް ނަމަ ދޭ ގޮތަށް އުނި ކުރަން އެއްބަސްވުން ޓްސްކެޓް ވިދާޅުވި އެވެ. "މިއީ މިވަގުތު އޮތް ހާލަތަށް ބަލައި އެންމެ ރަނގަޅު ހައްލަު ކަމަށް ފެންނަނީ."
"ވަކި ކުޅުންތެރިޔަކަށް ހެޔޮވަރުވާ ގޮތަށް އެއްވެސް ކަނެއް އަހަރެމެންނަކަށް ކޮށް ނުދެވޭނެ. އަހަރެމެން މަސައްކަތް ކުރަނީ ހުރިހާ އެންމެގެ ބައިވެރިވުން އޮވެގެން މިކަން ހައްލު ކުރުމަށް."
ޓްސްކެޓްސް ވިދާޅުވީ، މުސާރަތައް ދަށް ކުރުމަށް މެސީ އާއި އޭނާގެ އެޖެންޓުންގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށެވެ.