އަހުމަދު ރިލްވާން

ރިލްވާން ގެއްލުން: ބޭރުގެ އިންވެސްޓިގޭޓަރު ރާއްޖެ އަތުވެއްޖެ

ނޫސްވެރިޔާ އަހުމަދު ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގަށް ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ރާއްޖެ ގެނެސްފި އެވެ. އެކަން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ ޔަގީންކޮށްދީފައެވެ.

ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއެވެ.

ރިލްވާންގެ ތަހުގީގަށް ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ވިދާޅުވީ އޮގަސްޓް 8 ވަނަ ދުވަހުއެވެ. ރިލްވާނު ވަގަށް ނެގިތާ ހަ އަހަރު ވަނީ ވެފައެވެ.

މަރު ކޮމިޝަނުން އެންމެ ފަހުން ނެރެނު ބަޔާނެއްގައި ބުނެފައިވަނީ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި އޮތުމަކީ އާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއް ކަމަށެވެ. އެ ކޮމިޝަނުން ބުނީ ރިލްވާން އަދި ގޮތް ނޭންގޭ މަރުތަކާއި ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދުމަށް ފަށާފައިވާ މަސައްކަތް، އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މަރުކޮމިޝަނުން ވަނީ ރިލްވާން ގެއްލުވާލި ހާދިސާއާއި ގުޅުންހުރި މައުލޫމާތު އެނގޭ އިތުުރު ބަޔަކުވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ އެ މައުލޫމާތުތައް ހިއްސާކުރުމުގެ ފުުރުސަތު އަދިވެސް އެބައޮތް ކަމަށް ބުނެފައެވެ.

"..އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އަރުވަން،" ކޮމިޝަނަށް މައުލޫމާތު ދޭ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީންކަންދީ އެ ކޮމިޝަނުން ބުނެފައިވެއެވެ.