ޕީޕީއެމް

ޕީޕީއެމްގެ ނާއިބު ރައީސް ޝުޖާއު ހައްޔަރުކޮށްފި

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު (ބާރަށު ޝުޖާ) ހައްޔަރު ކޮށްފި އެވެ.

ޝުޖާއު ހައްޔަރުކޮށްފައި ވަނީ ނަސްރުގެ ދުވަހާއި ގުޅުވައިގެން މިރޭ އިދިކޮޅުން ބޭއްވި ހަރަކާތުގެ ތެރެއިންނެވެ. "ބަޑި ބުރާސްފަތި" ނަމުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތަކީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބާއްވަމުންދާ ހަރަކާތެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ހަރަކާތް ހުއްޓާލުމަށް ވެސް ފުލުހުން އެދުނެވެ.

ޝުޖާއު ހައްޔަރުކޮށްފައިވަނީ އެ ހަރަކާތާއި ގުޅޭގޮތުން ފުލުހުންނާ މަޝްވަރާތަކެއް ކުރި ފަހުންނެވެ. ޝުޖާއު ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް ވަނީ އަރުވާފަ އެވެ.

ޝުޖާ ހައްޔަރު ކުރި ނަމަވެސް ފުލުހުން ބުނަނީ އެއީ ހައްޔަރު ކުރުމެއް ނޫން ކަމަށާއި އެއީ "ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމެއް" ކަމަށެވެ. މިއީ ބައެއް މީހުން ހައްޔަރު ކުރުމަށް ފަހު ފުލުހުން ބައެއް ފަހަރު ދޭ ޖަވާބެކެވެ.