ވިޔަފާރި

ފިޔަވަޅު މޯލްޑިވްސް ރިސޯޓް ހުޅުވައިފި

Nov 4, 2020

އދ. އަތޮޅުގައި ފިޔަވަޅު މޯލްޑިވްސްގެ ނަމުގައި މުޅިން އާ ރިސޯޓެއް ހުޅުވައިފި އެވެ.

އދ. މަންދޫގައި ތަރައްގީކޮށްފައިވާ ފިޔަވަޅު މޯލްޑިވްސް ރިސޯޓް ހުޅުވައި ދެއްވީ އެ ރިސޯޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

ދިވެހި ވަންތަ ސިފަތައް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ މި ރިސޯޓުގައި ތަފާތު އެކި ކެޓަގަރީގެ ފަސް ވައްތަރެއްގެ ވިލާ ހިމެނޭ ގޮތަށް 44 ވިލާ ހުރެ އެވެ. މި ވިލާތަކުގެ ތެރޭގައި "ގާޑަން ވިލާ" އާއި "ޑުލެކްސް ގާޑަން ވިލާ" އަދި "ބީޗް ވިލާ" އާއި "ޑުލެކްސް ބީޗް ވިލާ އެންޑް ޕޫލް ވިލާ" ހުރެ އެވެ.

މި ރިސޯޓުގައި ދިވެހި ގިނަ ކެއުންތަކެއް ލިބޭ ގޮތަށް ހާއްސަ ރެސްޓޯރެންޓެއް ހުރެ އެވެ. މިގޮތުން "ކޮލެވި" ނަމުގައި ރެސްޓޯރެންޓެއް ހުރެ އެވެ. މި ރެސްޓޯރެންޓްތަކުގައި ކުޑަ ކުދިންނަށް ހާއްސަ ކެއުންތައް ލިބޭ މެނޫވެސް ހުރެ އެވެ.

ކޮވިޑް-19 އައުމާ ހަމައަށް ގިނަ އަދަދެއްގެ އާ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރި އެވެ. މާލެ އަތޮޅުން 30 އަށްވުރެ ގިނަ ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާއިރު، ޓޫރިޒަމްގެ 400 މަޝްރޫއެއް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް މިހާރު ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފަ އެވެ.