ބޮލީވުޑް

"ބަރްފީ"ގެ ރޯލަށް ޕްރިޔަންކާ ކަމުނުދާ ކަމަށް ޑައިރެކްޓަރަށް ހީވި

ޕްރިޔަންކާ ޗޯޕްޅާގެ 20 އަހަރުގެ ބޮލީވުޑް ކެރިއަރުގައި ވަރަށް ތަފާތު ގިނަ ރޯލުތަކެއް ކުޅެފައި ވެއެވެ. ނަމަވެސް ޑައިރެކްޓަރު އަނުރާގް ބާސޫގެ "ބަރްފީ" ގައި އޭނާ ކުޅުނު އޯޓިސްޓިކް ކުއްޖެއް ކަމުގައިވާ ޖިލްމިލްގެ ރޯލަކީ އޭނާއަށް އެންމެ މޮޅަށް މިހާތަނަށް ކުޅެލެވުނު ރޯލު ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ޕްރިޔަންކާގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި އެ ފިލްމުގެ ވާހަކަ ނަރޭޓް ކޮށްދޭން އަނުރާގު އައި ދުވަހުގެ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ. އޭނާއަށް އެ ވާހަކަ ކިޔައިދެމުން ދިޔައިރު އެ ރޯލަށް ޕްރިޔަންކާ އެއްގޮތަކަށް ވެސް ފިޓްނުވާ ކަން އަނުރާގަށް ވިސްނެމުން ދިޔަ ކަމުގެ އިހްސާސް ޕްރިޔަންކާއަށް ކުރެވެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"އެއްގޮތަކަށް ވެސް އަނުރާގް އަކަށް ގަބޫލެއް ނުކުރެވޭހެން އޭރުވެސް ހީވަނީ މި ރޯލަށް އޭނާ ފިޓް ވެދާނެ ކަމަކަށް. އޭނާ އިނީ ވަރަށް ޝައްކު ވެފައި އިން ގޮތަކަށް. ސަބަބަކީ އޭނާ އަހަރެންގެ ގެޔަށް އައީ އަހަރެން ޕާޓީ އަކަށް ގޮސްފައި އައިތަނާ. އަހަރެން އޭރު ހުރީ ވަރަށް ޒަމާނީ ހެދުމެއް އަޅައިގެން. އެހެންވެ އެހާ ޒަމާނީ އެކްޓަރަކު ލައްވާ އެފަދަ ރޯލެއް ކުޅުވިދާނެ ކަމާ މެދު ޑައިރެކްޓަރަށް ޝައްކުވީ. ވަކި ހިސާބަކުން އެތަނުން ދާން ވެސް އަނުރާގު ވިސްނި. އަދި ޕްރިޔަންކާ ފަދަ އެކްޓަރަކު ލައްވާ އެ ރޯލު ކުޅުވަން ޚިޔާލު ކުރެވުނީ ގޯސްކޮށް ކަމަށް ޑައިރެކްޓަރު ބުނި. އަސްލު އޮޓިސްޓިކް ކުއްޖެއް ލައްވާ އެ ރޯލު ކުޅުވަން ވީއޭ ވެސް ބުނި،" ޕްރިޔަންކާގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

އޭނާއަށް ރޯލު ދިނުމާ މެދު އަނުރާގުގެ ޚިޔާލު ބަދަލުވަމުންދާކަން އެނގުމުން އޭނާއަށް އެންމެ ފަސް ދުވަހުގެ މުހުލަތެއް ދިނުމަށް އަނުރާގް ކިބައިން ޕްރިޔަންކާ އެދުނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވޯކްޝޮޕެއް ބާއްވައިގެން އޮޓިސްޓިކް ކުއްޖެއްގެ ރޯލަށް ޕްރިޔަންކާ ފިޓްވޭތޯ ނޫންތޯ ބަލައިދިނުމަށް އެ ދުވަހު އަނުރާގުގެ ކިބައިން ޕްރިޔަންކާ އެދުނެވެ.

"އަހަރެމެން ހަތަރު ދުވަހުގެ ވޯކްޝޮޕެއް ހެދިން. އަދި އަހަރެން އޮޓިސްޓިކް ކުދިންތަކެއް ކައިރިއަށް ގޮސް އެ ކުދިންނާއެކު އެ ދުވަސްތަކުގައި ވަރަށް ގިނަ ވަގުތު ހޭދަކުރިން. ވަރަށް ގިނަ ރިސާޗް ހަދާ އޮޓިސްޓިކް ކުދިންނާ ގުޅޭ ވަރަށް ގިނަ ފޮތްތައް ވެސް ކިޔާ ހެދިން. އޮޓިޒަމްގައި ވެސް ވަރަށް ބޮޑުވަރުވާ ކުދިންނާއި ކުޑަކޮށް އެ މައްސަލަ ހުންނަ ކުދިން ތިބޭ. ޖިލްމިލް ކެރެކްޓާގެ އެއްވެސް ރިފަރެންސެއް އަހަރެމެން އަތަކު ނެތް،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނި ގޮތުގައި ފުރަތަމަ ޕިޖާމާ ލައިގެން ކެރެކްޓާ އަށް ވަދެވޭތޯ އެމީހުން މަސައްކަތް ކުރި އެވެ. ސަބަބަކީ އޮޓިސްޓިކް ކުދިން ބޮޑެތި ވިޔަސް އެކުދިންގެ ހުންނަނީ ކުޑަކުދިންގެ ޚިޔާލު ކަމަށް ވާތީ އެ އިހްސާސްތައް ދެނެގަތުމަށެވެ.

އެއްވެސް ޑައިލޯގެއް އެމީހުންނަށް ނެތް އިރު ވެސް ޕްރިޔަންކާ އާއި ރަންބީރު ވަނީ އެމީހުންނަށް ދިން ކެރެކްޓާއަށް ވަރަށް ފުރިހަމައަށް އިންސާފުކޮށްދީފަ އެވެ.

"ބަރްފީ"ގައި އެހާ އަޖައިބު ގޮތަކަށް އޭނާއަށް އެކްޓް ކުރެވުނު ގޮތަށް ޚުދް ޕްރިޔަންކާ އަކަށް ވެސް ބުނެދޭކަށް ނޭނގެ އެވެ. ޖިލްމިލް އާއި ރަންބީރުގެ ކެރެކްޓާ ބަރްފީގެ މެދުގައި އޮތް ލޯބި ވެސް އެމީހުން ދެއްކީ ނިތްކުރީގައި އަތް ޖައްސާލައިގެންނެވެ. އެއީ ވެސް ޕްރިޔަންކާގެ އަމިއްލަ ޚިޔާލަކަށް ނެގި މަންޒަރެކެވެ. ސަބަބަކީ އޮޓިސްޓިކް މީހުންނަކީ އެހާ ބޮޑަށް ގައިގާ އަތްލަން ބޭނުންވާ ބަޔަކަށް ނުވާތީ ބައްދާ ހަދާނަމަ އެހާ ބޮޑަށް އެފަދަ ކުއްޖެއްގެ ގޮތްގަނޑު ނުހުންނާނެ ކަމަށް ބެލެވިގެންނެވެ.

ޕްރިޔަންކާ ބުނި ގޮތުގައި ޝޫޓިން ފަށައިގެން ދެ ދުވަސް ވީއިރު އޭނާ އާއި ރަންބީރު އެމީހުންގެ ކެރެކްޓާގައި ފިޔަފަޅައިގެން އުދުހުން ފަށައިފި އެވެ. އެހާވެސް އެމީހުންނަށް އެ ކެރެކްޓާއަށް ތިބީ ވަދެވިފަ އެވެ.