ދުނިޔެ

އައިސްލޭންޑްގެ ފުލުހުން "ސިކް-ލީވް" މުޒާހަރާއެއްގައި

Oct 18, 2015

އައިސްލެންޑްގެ ފުލުހުންގެ ގިނަ އަދަދެއްގެ އޮފިސަރުންތަކެއް "ސިކް-ލީވް" ނަގައިގެން ގޭގައި މަޑުކޮށްލުމުން އެގައުމުގެ ސަލާމަތީ ބާރުތަކުގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

އެ ގައުމުގެ ފުލުހުން ބަލިވެ ކަމަށް ބުނެ ވަޒީފާ އަށް ނުނިކުމެ މަޑުކޮށްލާފައި ވަނީ މުސާރައިގެ މައްސަލާގައި ހިތްހަމަނުޖެހިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. މުސާރައިގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުން ގެންދާ ސިވިލް ސާވެންޓުންނާ ގުޅިގެން ވެސް ބައެއް ފުލުހުން ގެންދަނީ ހަޅުތާލުކުރަމުންނެވެ.

މި ސަބަބާ ގުޅިގެން މުޒާހަރާތައް ކޮންޓްރޯލްކުރުމުގައި ދަތިތަކެއް ދިމާވެފައިވާއިރު އެ ގައުމުގެ ބައެއް ޕޮލިސް ސްޓޭޝަންތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އާންމުންނަށް ދޭން ޖެހޭ ހިދުމަތްތައް ނުދެވިގެންނާއި ސަލާމަތާއި ރައްކާތެރިކަން ފޯރުނުކޮށްދެވިގެން އާންމުންގެ ބައެއް މީހުން ޝަކުވާކުރަމުން އަންނައިރު އައިސްލޭންޑްގެ ފުލުހުން ވަނީ "ބަލިވި ފުލުހުން" އަލުން ވަޒީފާ އަށް ނުކުންނަންދެން އާންމުން ކެތްތެރިވެ ތިބުމަށް ގޮވާލައިފަ އެވެ.

މި ހަޅުތާލަކާ ގުޅިގެން ވަޒީފާ އަށް ނުނިކުންނަ ފުލުހުންގެ އަދަދު 300 އަށް އަރާއިރު މިއީ އައިލޭންޑްގެ ފުލުހުންގެ ފައުޖުގެ ދެ ބައިކުޅަ އެއްބަ އެވެ. މި ގައުމުގައި ފުލުހުން މުޒާހަރާކުރުން ގާނޫނަކުން މަނާކޮށްފައިވާއިރު ސަރުކާރުން ބުނެފައި ވަނީ މުޒާހަރާކުރަމުން އަންނަ ފުލުހުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

އައިސްލޭންޑްގެ އާބާދީ އަކީ 329،100 އެވެ.

މުސާރަ ނުލިބިގެން އައިސްލޭންޑްގައި ފުލުހުން މުޒާހަރާކުރަމުން އަންނައިރު މިފަދަ މައްސަލައެއްގައި އިޓަލީގެ ވެރިރަށް ރޯމުގެ ފުލުހުން ވެސް މިދިޔަ އަހަރު ހަޅުތާލުކޮށް "ސިކް-ލީވް" ނަގައިގެން ވަޒީފާ އަށް ނުނިކުމެ ގޭގައި މަޑުކޮށްގެން ތިއްބެވެ.