ވިޔަފާރި

ދިރާގުން ހޮސްޕިޓާލިޓީ ދާއިރާއަށް "އީކޯސިސް" ތައާރަފްކޮށްފި

ދިރާގުން ހޮސްޕިޓާލިޓީ ދާއިރާއަށް އަމާޒުކޮށްގެން، ކޮންމެހެން ބޭނުންވާ ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭނޭ ގޮތް ހަދައިފި އެވެ.

ދިރާގުން ތައާރަފްކުރި "އީކޯސިސް" އަކީ އަލިފާނުގެ އަސަރު ދެނެގަތުމާއި އޯޑިއޯ ހިދުމަތާއި ޑްރޯން ޑިޕްލޮއިމެންޓާއި ހުއްދަނެތި ވަންނަ މީހުން ދެނެގަތުން އަދި ލޮކޭޝަން ބޭސްޑް ހިދުމަތްތައް ހިމެނޭ ޕްލެޓްފޯމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. މި ޕްލެޓްފޯމް ހަދާފައިވަނީ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ މާހިރުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ރިސާޗްތަކާއި އެ ބޭފުޅުންގެ ލަފަޔާ އެކީގައި ކަމަށް ދިރާގުން ބުނެ އެވެ.

އަލިފާނުގެ އަސަރު ދެނެގަތުން

ދިރާގު އީކޯސިސް ފަޔާ ސަރވިސް ނުވަތަ އަލިފާނުގެ އަސަރު ދެނެގަންނަ ފަޔާ އެލާމް މޮނިޓަރިން ހިދުމަތަކީ ކަސްޓަމަރުންގެ ނެޓްވޯކާއި، ލޮކޭޝަނާ ގުޅިފައިވާ ހިދުމަތެކެވެ. ދިރާގުން ބުނި ގޮތުގައި ފަޔަ ސަވިސްގެ ޑޭޝްބޯޑުން އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ތަން ހޯދައި، އަލިފާން ނިވުމުގެ މަސައްކަތް އަވަހަށް ފެށޭނެ އެވެ.

ލޮކޭޝަން ބޭސްޑް ސަވިސަސް

މި ހިދުމަތުގައި އެއްގަމާއި ކަނޑުގެ ސަރަހައްދުތައް މޮނިޓާ ކުރާނެ އެވެ. ޖީޕީއެސް ޓްރެކިންގް ޑިވައިސް، މޯޝަން ސެންސަ އަދި ސީސީޓީވީ ކެމެރާ ފަދަ ޑިވައިސްތައް މެދުވެރިކޮށް ރަށުގެ އެކި ސަރަހައްދުތައް ޓްރެކްކޮށް މޮނިޓަރަ ކޮށް ހެދޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި، ލައިވް ފީޑް ރެކޯޑުކޮށް، ފަހުން ބަލާލެވޭނެ ކަމަށްވެސް ބުންޏެވެ.

އޯޑިއޯ ހިދުމަތާއި ޑްރޯން ޑިޕްލޮއިމެންޓް ހިދުމަތް

މި ސައުންޑް ސިސްޓަމް މެދުވެރިކޮށް ޕަބްލިކް އެނައުންސްމަންޓް ދިނުމާއި، ބެކްގްރައުންޑް މިއުޒިކް އަދި ގެސްޓުންނަށް ކޮޓަރީގައި ބޭނުން މިއުޒިކެއް ޖަހާލެވޭނެ ކަމަށް ވެ އެވެ.


ޑްރޯންގެ ހިދުމަތުން، އެއްގަމާއި ކަނޑު މޮނިޓަކޮށް އޮޓޯމެޓިކުން ނޫނިއްޔާ އަމިލައް އަށް ފްލައިޓް ކޮންޓްރޮލް ކުރެވޭނެ ކަމަށް ބުންޏެވެ.

ހުއްދަނެތި ވަންނަ މީހުން ދެނެގަންނަ "އިންޓްރޫޑާ ޑިޓެކްޝަން"

ދިރާގުން ބުނި ގޮތުގައި "ޖިއޯ ފެންސިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑައަޅާފައިވާ ދިމާލެއްގައި ދަތުރުކުރާ އުނޅަދުތައް ޓްރެކްކޮށް، ހުއްދަނެތި ވަދެ ނިކުމެ އުޅޭ އުޅަނދުތައް ބަލާ، އެ ފަދަ އުޅަނދެއް ފެނިއްޖެ ނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެކަމާބެހޭ ނޮޓިފިކޭޝަން ފޮނުވައިދޭނެ އެވެ.

އެ ކުންފުނިން ބުނީ، އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.