ހަބަރު

ޔޫޕީއާރު ސެޝަންގައި އޭޖީއާ ކެބިނެޓް މިނިސްޓަރުން ބައިވެރިވަނީ

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ރާއްޖޭގެ ރިވިއު ސެޝަންގައި އެޓާނީ ޖެނެރަލް އާއި ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. މި ރިވިއު ސެޝަން މިއަދުގެ ޖެނީވާ ޖެނީވާގައި ހުންނަ އދ.ގެ އޮފީހުގައި ޖެނީވާ ގަޑިން މިއަދު މެންދުރު 2:30ގައި ކުރިއަށް ގެންދާނެ އެވެ.

ޔޫ.ޕީ.އާރު. އަކީ، އ.ދ. ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަން ކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ މި ޕްރޮސެސްގެ ފުރަތަމަ ސައިކަލްގައި 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގެންގޮސްފައިވާއިރު، 2015 ގައި މި ޕްރޮސެސްގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގޮސްފައިވެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން، ޔޫ.ޕީ.އާރު. ގެ ތިންވަނަ ސައިކަލްގައި ޔޫ.ޕީ.އާރު ވާކިން ގްރޫޕްގެ މި ސެޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ، އިން-ޕާސަން އަދި ވާޗުއަލް ބައިވެރިވުން ހިމެނޭ، ހައިބްރިޑް މޮޑެލްއެއްގެ ގޮތުގަ އެވެ.

މިއަދު ބާއްވާ ޔޫ.ޕީ.އާރުގެ ރާއްޖޭގެ ރިވިއު ސެޝަންއަކީ، ދިވެހި ތާރީހުގައި، ޔޫ.ޕީ.އާރުގެ ވާކިން ގްރޫޕްގެ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ވަފުދުގައި ދައުލަތުގެ ގިނަ ވަޒީރުން ހިމެނިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެގޮތުން ވާޗުއަލްކޮށް މި ސެޝަންގައި ރާއްޖެ ތަމްސީލުކުރާ، ވަފުދުގެ ހެޑް އޮފް ޑެލެގަޝޭން އަކީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތެވެ. މީގެ އިތުރުން މި ސެޝަންގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރި ވަޑައިގަންނަވާނެ އެވެ.

އިންޕާސަންގެ ގޮތުގައި މި ސެޝަންގައި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދާއި، ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ އޮފިޝަލުން މި ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މި ރިވިއު ސެޝަންގައި، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ރާއްޖޭން ހާސިލްކޮށްފައިވާ ކާމިޔާބީއާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަވެންޝަންތައް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، އަދުލު އިންސާފާއި، މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހިޔާލުފާޅު ކުރުމާއި ޖަމިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަމާއި، ބިދޭސީ މަސައްކަތްތެރިންނާގުޅޭގޮތުން މިނިސްޓަރުން އިންޓަރވެންޝަން ހުށަހަޅުއްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މިއަދުގެ ސެޝަންގައި، ދިވެހިރާއްޖޭން މިއަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތާއި، މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެއާ ގުޅޭގޮތުން ގައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. އެގޮތުން، ރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ގައުމަކުން ވަނީ އެދިފަ އެވެ.

ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ރާއްޖޭން ބަލައިގަންނަކަން ނުވަތަ ނޫންކަން ޔޫ.ޕީ.އާރުގެ ވާކިން ގްރޫޕަށް އެންގުމަށް ރާއްޖެއަށް މިއަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހާއި ހަމަޔަށް ފުރުސަތު ލިބިފައިވާއިރު މިއަދުގެ ސެޝަންއަށް ފަހު، މިމަހުގެ ހަ ވަނަ ދުވަހުގައި ބާއްވާ ވާކިން ގްރޫޕްގެ ސެޝަންގައި، ޔޫ.ޕީ.އާރު ވާކިން ގްރޫޕުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓް އެޑޮޕްޓް ކުރާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.