ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމްގެ ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅުތަކާއި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅުގެ ތަފުސީލު ހޯދަން އެމްޑީޕީން ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމް ސޮއި ކުރައްވާ މިއަދު ފޮނުވި ސިިޓީއެއްގައި ބުނަނީ އެ ޕާޓީން އެ ސިޓީ ފޮނުވަނީ އިހުލާސްތެރި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ކަމަށެވެ.
އަދި ބުނެފައި ވަނީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ލިބެމުންދާ ހަބަރުތަކާއި ގާނޫނު އަސާސީގެ 123 ވަނަ މާއްދާ އާއި 124 ވަނަ މާއްދާގެ މަތުލަބުގައިވާ ބީދައިން ރައީސްގެ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރައްވަން ރައީސް ޔާމީނަށް ނުކުޅެދިއްޖެ ހާލަތެއް ދިމާވެފައިވާ ކަމާ ދޭތެރޭ އެމްޑީޕީން ކަންބޮޑުވާ ކަމަށެވެ.
އެމްޑީޕީމް އެދިފައި ވަނީ ރައީސް ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރައީސް ޔާމީން އަމިއްލަ ދަތުރުފުޅުތަކުގެ ނަމުގަ އާއި ރަސްމީ ދަތުރުފުޅުތަކުގެ ނަމުގައިި ސިންގަޕޫރަށް ވަޑައިގެންފައިވާ އަދަދު ސާފު ކުރާށެވެ. މީގެ އިތުރުން އެ ދަތުރުފުޅުތަކުގައި ހޭދަވި ދުވަސްތަކާއި އެ ދަތުރުފުޅުތަކުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ އަދަދާއި އެ ދަތުރުފުޅުތަކަށް ދައުލަތުން ހަރަދުވި ވަރާއި ރައީސް ޔާމީގެ ސިއްހީ ހާލުކޮޅުގެ ތަފުސީލަށް ވެސް އެދިފައި ވެއެވެ.
އެމްޑީޕީގެ މި ސިޓީއާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީއާ ބަހެއް ހޯދަން މަސައްލކަތް ކުރި ނަމަވެސް އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މިވަގުތު ވެސް ރައީސް ޔާމީން ހުންނެވީ ސިންގަޕޫރުގަ އެވެ.