ފޮރިން މިނިސްޓްރީ

"އިސްލާމްދީނާ ހިލާފު އެއްވެސް ރިކޮމެންޑޭޝަންއެއް ބަލައިނުގަންނާނެ"

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ސެޝަން މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ދިވެހިރާއްޖެއިން ބަަލައި ނުގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 6:30 ގައެވެ. ޔޫޕީއާރު އަކީ، އދގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަން ކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ރިވިއުއެކެވެ.

މިއަދުގެ ސެޝަންގައި، ދިވެހިރާއްޖެއިން ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ރިވިއު ކުރެވޭނެއެވެ. ދިވެހި ރާއްޖެއިން މިއަދުގެ ސެޝަންއަށް ފެބްރުއަރީ 3، 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތާއި މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑާ ރިޕޯޓުތަކާއި، އދ ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާ ގުޅޭގޮތުން ގައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ގައުމަކުން އެދިފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ދިވެހިރާއްޖެއިން ބަަލައި ނުގަންނާނެ ކަމަށެވެ.