ފައިސަލް ނަސީމް

ކުރިއެރުން ހޯދަން ދިރާސާ މުހިންމު: ނައިބް ރައީސް

އިލްމީ ދިރާސާއަކީ އެކި ދާއިރާތަކުން ކުރިއެރުން ހޯދުމަށް މުހިންމު ވަސީލަތެއް ކަމަށާ ދިރާސާ ކުރުމުގެ މަސައްކަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ "ދަ މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗް" (އެމްއެންޖޭއާރު) ގެ ކޯވިޑް-19 އާގުޅޭ ހާއްސަ އަދަދު ނެރެދެއްވުމަށްޓަކައި އެ ޔުނިވާސިޓީގައި މިއަދު މެންދުރުފަހު ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިރާސާކުރުމުގެ ދާއިރާގެ މުހިންމުކަން ފާހަގަކުރައްވާ ނާއިބް ރައީސް ވިދާޅުވީ، ގައުމީ ޔުނިވާސިޓީން މި ދާއިރާ ކުރިއަރުވަން ބަހައްޓާ އަހައްމިއްޔަތުކަމާމެދު އުފާކުރައްވާ ކަމަށެވެ. އަދި، މިފަދަ ދިރާސާތަކުން އެއްކުރެވޭ މައުލޫމާތާއި ހޯދުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ފައިދާކުރަނިވި އަދި ގައުމު ބިނާކުރުމުގެ މަސައްކަތަށް މުހިންމު ލާބައާއި މަންފާ ކުރަނިވި މައުލޫމާތުތަކެއް ކަމަށެވެ.

‎"އެކި މީހުންނަށް މާތް ރަސްކަލާންގެ މިންވަރުކުރައްވަނީ އެކި ކަންތައްތައް. އެއް ބައިމީހުންނަށް އިލްމު، އަނެއްބައި މީހުންނަށް ތަނަވަސްކަން، އަނެއްބައި މީހުންނަށް ވަރަށް އޯގާތެރި ބޮޑު ހިތެއް. އެހެންވީމާ އެ މީހަކަށް އެ ލިބިފައިވާ ނިއުމަތެއްގެ އެންމެ ރަނގަޅު ބޭނުން ހިފުމަކީ އަބަދުވެސް އަހަރެމެން ގަދައަޅާ މަސައްކަތް ކުރަންޖެހޭނެ ކަމެއް،"

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކޯވިޑް-19 ގެ ބަލިމަޑުކަމާ ގައުމު ކުރިމަތިލީ މި ބަލިން ރައްކާތެރިވެ ސަލާމަތްވުމަށް އަޅާނެ ފިޔަވަޅުތަކާއި ކަން ކުރަންޖެހޭ ގޮތުގެ އެންމެ ފުރިހަމަ މައުލޫމާތު ނެތި ކަމަށެވެ. އަދި، މިހާރު އެކި ގޮތްގޮތުން ކޮށްފައިވާ ދިރާސާތަކުގެ އަލީގައި މި ބަލިން ރައްކާތެރިވުމަށް އަމަލުތައް ބަހައްޓަންޖެހޭނެ ގޮތާއި އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާ ކަމަށެވެ.