ޗެމްޕިއަންސް ލީގް

ޔުނައިޓެޑާ ޕީއެސްޖީވެސް ބަލި ވެއްޖެ

ގުރޫޕް އެޗްގައި ވަރުގަދަ ދެ ބާރުގެ ގޮތުގައި ބެލެވުނު މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ ކުޅުނު މެޗުތަކުން ބަލި ވެއްޖެ އެވެ.

އާރްބީ ލައިޕްޒިގް އަތުން 2-1 ން ޕީއެސްޖީ ބަލިވެގެން ދިޔައިރު އެ ޓީމު މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކު އެވެ. ޕީއެސްޖީގެ އިދުރީސަ ގެޔޭ އާއި ޕްރެސެނަލް ކިމްޕެމްބޭ އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިދިޔަ ސިޒަންގެ ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި ޕީއެސްޖީން ވަނީ 3-0 ން ލައިޕްޒިގް ބަލި ކޮށްފަ އެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން ލައިޕްޒިގް ރޭގެ މެޗު ކާމިޔާބު ކުރި އެވެ.

މެޗުގެ ވަރަށް ކުރީ ކޮޅު ޕީއެސްޖީން ލީޑް ނެގި އެވެ. މެޗު ފެށިގެން ހަ ވަނަ މިނެޓްގައި މޮއިސް ކީން ތަނަވަސް ކޮށްދިން ފުރުސަތަކުން އޭންހަލް ޑީމާރިއާ ވަނީ ޕީއެސްޖީގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން ނަތީޖާ ފުޅާ ކުރުމަށް ޕީއެސްޖީއަށް ފުރުސަތު ލިބިގެން ދިޔަ އެވެ. ޑީމާރިއާ ފޮނުވާލި ބޯޅަ ލައިޕްޒިޣްގެ ކީޕަރު ޕީޓާ ގުލާޗީ ދިފާއު ކުރި އެވެ. އޭގެ ފަހުން މޮއިސް ކީން އަށާއި ޑީމާރިއާ ޖެހި ގޯލްތައް ގަބޫލު ނުކުރީ އޮފްސައިޑް ވުންނެވެ.

ލައިޕްޒިގް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕީއެސްޖީގެ ކުރީގެ ކުޅުންތެރިޔާ ނުކުންކޫ އެވެ. ހޫލިއަން ނާގެލްސްމަންގެ ޓީމަށް މެޗުގެ ނަތީޖާ އަނބުރާލަ ދިނީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީން އެމީލް ފޮސްބާގް އެވެ.

ޗެމްޕިއަންސް ލީގްގައި މުޅިން އަލަށް ވާދަ ކުރާ ތުރުކީގެ އިސްތަންބޫލް ބަސަކްޝިއާއިން ވަނީ 2-1 ން މެންޗެސްޓާ ޔުނައިޓެޑް ބަލި ކޮށްފަ އެވެ. މެޗުގައި ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ވަނީ ޔުނައިޓެޑްގެ ވާދަވެރި މެޗަކުން ފުރަތަމަ ފަހަރަށް ޒުވާން ކީޕަރު ހެންޑަސަން އަށް ފުރުސަތު ދީފަ އެވެ.

ހާވިއާ ވެފައިވާ ޔުނައިޓެޑްގެ ޑިފެންސްގެ ތެރެއިން އިސްތަންބޫލްގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑެމްބާ ބާ އެވެ. މެޗުގެ 40 ވަނަ މިނެޓްގައި އެޑިން ވިސްކާ ވަނީ އިސްތަންބޫލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޔުނައިޓެޑްގެ ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބު ކުރީ އެންތޮނީ މާޝިއަލް އެވެ. އޭނާ ލަނޑު ޖެހީ ލޫކް ޝޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ގުރޫޕްގެ އެއް ވަނައިގައި އަދިވެސް އޮތީ ޔުނައިޓެޑެވެ. އެ ޓީމު އެއް ވަނައިގައި އޮތީ ފައިދާ ގޯލުން ކުރި ލިބުމުންނެވެ. ލައިޕްޒިގް އަށްވެސް ޕޮއިންޓް ލިބިފައި ވަނީ ޔުނައިޓެޑާ އެއްވަރަކަށެވެ. ދެ ޓީމަށްވެސް ހަ ޕޮއިންޓެވެ. އިސްތަންބޫލް އާައި ޕީއެސްޖީއަށް ތިން ޕޮއިންޓެވެ.