ބޮލީވުޑް

"ޕަޓާން" ކުޅެދޭން ޖޯން އެއްބަސްވީ 20 ކްރޯޑަށް

"ދޫމް" އާއި "ކާބުލް އެކްސްޕްރެސް" އަދި "ނިއު ޔޯކް' އަށް ފަހު ޔާޝް ރާޖް ފިލްމްސް އިން އުފައްދާ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ޖޯން އެބްރަހަމަށް ވަނީ ލިބިފަ އެވެ. އެއީ ޝާހްރުކް ޚާން ވެސް މުހިއްމު ރޯލެއް ކުޅޭ "ޕަޓާން" އެވެ.

ދީޕިކާ ޕަދުކޯން ބަތަލާގެ ބައި ކުޅޭ މި ފިލްމަކީ "ޒީރޯ" ފްލޮޕްވުމަށް ފަހު ދިގު މުއްދަތަކަށް ފިލްމު ކުޅުމުގައި ދުރުގައި ހުރެފައި ޝާހްރުކް އެނބުރި އައުން ފާހަގަކުރަން ހަމަޖެހިފައިވާ ފިލްމެވެ.

"ޕަޓާން" ކުޅެދޭން ޖޯން އެއްބަސް ވެފައިވަނީ 20 ކްރޯޑު ރުޕީސްގެ ބޮޑު އަގަކަށް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.

"މިހާރަކީ ޖޯންގެ ކެރިއަރުގެ އެންމެ ރަނގަޅު ދުވަސްވަރު. މި ފަހަކުން އޭނާ ކުޅުނު ހުރިހާ ފިލްމުތަކެއް ހިޓްވެސް ބޮކްސް އޮފީހުގައި ކާމިޔާބު އެކްޓަރަކަށް ޖޯން މިހާރު ވަނީ ވެފައި. އަދި އޭނާ އަމިއްލައަށް ފިލްމެއްގެ ޒިންމާ ނަގައިގެން ފިލްމެއް ކާމިޔާބުކުރުމުގެ ގާބިލްކަން ހުރިކަން ޖޯން ވަނީ ސާބިތު ކޮށްދީފައި. އެހެންވެ ވައިއާރްއެފްގެ ފިލްމު ކުޅެދޭ އަގު ބޮޑުކުރަން އޭނާ ނިންމީ،" މި ފިލްމާ ގުޅޭ މައުލޫމާތު އެނގޭ މިހަކު އިންޑީޔާގެ ނޫހަކަށް ބުނެފައި ވެއެވެ.

ޖޯން އަށް މި ފިލްމުގެ ޝޫޓިންގަށް 60 ދުވަސް ދޭން ޖެހެ އެވެ. "ޕަޓާން" ގައި ޖޯން ކުޅެނީ ނެގެޓިވް ކެރެކްޓާއެއް ކަމުން އޭނާއަށް ފިލްމުގައި ކުރިމަތިލާން ޖެހެނީ ބަތަލު ޝާހްރުކް އާއެވެ.

ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ޝާހްރުކް އާއެކު ޖޯން މި ފިލްމުގައި ޝޫޓްކުރަން ވަނީ ހަމަޖެހިފަ އެވެ.
ޖޯން މިވަގުތު މަސައްކަތް ކުރަމުން ދަނީ ސަތުޔަމޭވް ޖައިތޭ2"ގަ އެވެ. އޭގެ ފަހުން "އޭކް ވިލަން 2" ގެ ޝޫޓިން ފަށާނެ އެވެ. "ޕަޓާން" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ ނިމޭ ހިސާބުގަ އެވެ. މި ފިލްމުގެ ކުރޫ އާއެކު ޖޯން ޝޫޓްކުރާ ބައިތައް ފުރިހަމަކުރަން އިންޑިޔާ އިން ބޭރުގެ ގައުމަކަށް ދަތުރުކުރަން ވަނީ ހަމަޖެހިފަ އެވެ.
ޖޯން ބައިވެރި ނުވިޔަސް ޝާހްރުކް އާއެކު "ޕަޓާން" ގެ މަސައްކަތް ނޮވެމްބަރު މަހު ފަށަން ވަނީ ހަމަޖެހިފަ އެވެ.