މި އަހަރު ބާއްވަން ކުރި ހަމަޖެއްސި ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސް ކޮށްފައިވި ނަމަވެސް މުބާރާތުގެ ފޯމެޓަށް ބަދަލު ނުގެންނަން ޔޫއެފާއިން ނިންމައިފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވަން ފެށިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ޔޫއެފާއިން ނިންމާފައި ވަނީ މި އަހަރުގެ މުބާރާތް ޔޫރަޕްގެ 12 ގައުމެއްގެ 12 ސިޓީގައި ބޭއްވުމަށެވެ. ކޮވިޑް-19 އާ ގުޅިގެން މުބާރާތް އަންނަ އަހަރު ޖޫންއަށް ފަސް ކުރުމަށް ޔޫއެފާއިން ނިންމީ މިދިޔަ މާޗް މަހު އެވެ.
ފްރާންސްގެ ނޫހަކުން މިހަފުތާގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ހާލަތު ކަމަށް ވުމުން ޔޫރޯ ރަޝިއާގައި ބޭއްވުމަށް ޔޫއެފާއިން ވިސްނަމުންދާ ކަމަށެވެ. ރަޝިއާއަކީ އެންމެ ފަހުގެ ވޯލްޑް ކަޕް ބޭއްވި ގައުމެވެ.
ފޯމެޓަށް ބަދަލު ނުގެންނާނެ ވާހަކައެއް ޔޫއެފާއިން ބުނެފައެއް ނުވެ އެވެ. އެ ޔޫނިއަންއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މިވަގުތު އެކަހަލަ ޕްލޭނެއް ނެތް ކަމަށެވެ. އެ އިދާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މިހާރު އޮތް ހާލަތުން އެއްވެސް ކަމަކާ ބެހޭގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
މި ފަހަރުގެ ޔޫރޯ ހޯސްޓް ކުރަން އެންމެ ފުރަތަމަ ނިންމީ 13 ސިޓީގަ އެވެ. ފަހުގެ ނިންމުން 12 ސިޓީއަށް އަދަދު ދަށް ކުރީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގެ އިމާރާތް ކުރަމުން ދާ ސްޓޭޑިއަމްގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން ބެލްޖިއަމްއަށް ނުދެވުމުންނެވެ.
މުބާރާތް ބާއްވަން ހަމަޖެހިފައވާ 12 ސިޓީއަކީ، އިންގްލެންޑްގެ ލަންޑަން، އަޒަރުބައިޖާންގެ ބަކޫ، ޖަރުމަންގެ މިޔުނިކް، އިޓަލީގެ ރޯމް، ރަޝިއާގެ ސެއިންޓް ޕީޓާސްބާގް، ނެދަލެންޑްސްގެ އެމްސްޓަޑަމް، ސްޕެއިން ބިލްބާއޯ، ރޮމޭނިއާގެ ބޫކަރާސްޓް، ހަންގޭރީގެ ބުޑަޕެސްޓް، ޑެންމާކްގެ ކޯޕެންހޭގަން، ރިޕަބްލިކް އޮފް އަޔަލޭންޑްގެ ޑްބްލިން އަދި ސްކޮޓްލޭންޑްގެ ގަލަސްގޯ އެވެ.