ހަބަރު

މުގައްރިރު ކަމުން އާމިރު ވަކިކުރަން ފާހެއް ނުވި

Nov 5, 2020
1

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މުގައްރިރު ކަމުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަހުމަދު އާމިރު ވަކިކުރަން އެ ކޮމިޓީން ފާހެއް ނުވި އެވެ.

ނަވާރަ ވަނަ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެންބަރަކު މުގައްރިރުކަމުގައި ނުއިންނަވާ ހަމައެކަނި ދާއިމީ ކޮމިޓީން އާމިރުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ފަސް މެންބަރުންގެ ސޮއި އާއެކު އެވެ.

އެ ކޮމިޓީގެ ނައިބު މުގައްރިރަކީ މުލަކު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނަސީރެވެ. އެ ކޮމިޓީގައި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ އާޒިމްއާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖަމްޝީދު މުހައްމަދާއި، ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަންއާއި، ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖްއާއި، ފޭދޫ ދާައިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދުއާއި، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މުހައްމަދު އަސްލަމްއާއި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް އިންނަވައެވެ.

އެ ކޮމިޓީގައި އެމްޑީޕީގައި ފިޔަވައި އެހެން ޕާޓީތަކުން ތިއްބަވަނީ މުގައްރިރު އާމިރުގެ އިތުރުން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.

އެ މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމަން ރޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، ކޮމިޓީގެ ބައްދަލުވުންތައް ނުބޭއްވި، މަސައްކަތްތައް ދިގުލާދަމުންދާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

މިގޮތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވިދާޅުވީ، އިތުބާރުނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވީ ކޮމިޓީގެ ބައްދަލުވުންތައް ނުބޭއްވި ގިނަ ދުވަސްތަކެއް ހޭދަވެ. ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ނުބެލި، ދިގުލައިގެންދާތީ ކަމަށެވެ.

"އާމިރަކާ އަޅުގަނޑުގެ ޒާތީ މައްސަލައެއްނެތް. އަޅުގަނޑު ބޭނުންވަނީ ކޮމިޓީ މިއަށްވުރެ ރަނގަޅަށް ފުރިހަމައަށް ކުރިއަށް ދާން،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލްގެ ވާހަކަތަކަށް ތާއީދުކުރައްވަމުން، އެ މައްސަލާގައި ސޮއި ކުރެއްވި ސިރާޖުވެސް ވިދާޅުވީ މަޖިލީހުގެ އެހެން ކޮމިޓީތަކާ އަޅާބަލާއިރު، ގަވައިދު ކޮމިޓީގެ ބައްދަލުވުންތަކުގެ އަދަދު މާބޮޑަށްވެސް މަދު ކަމަށެވެ.

އޭނާވެސް ވިދާޅުވީ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ނުބެލި ލަސްވަނީ، މުގައްރިރު އިސްވެ ބައްދަލުވުންތައް ތާވަލުނުކުރެވޭތީ ކަމަށެވެ.

އެ ވާހަކަތައް ދިފާއުކުރައްވަމުން އާމިރު ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަލާއިރު، ނުނިމި ހުރި މައްސަލަތައް އެންމެ މަދުން ހުރީ ގަވައިދު ކޮމިޓީގައި ކަމަށެވެ.

ކޮމިޓީއަށް މައްސަލަ ހުށަހެޅުމަކީ ހަމައެކަނި މުގައްރިރުގެ މަސްއޫލިއްޔަތެއްނޫންކަން ފާހަގަކުރައްވަމުން، އާމިރު ވިދާޅުވީ މެންބަރަކު ހުށަހަޅާ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންގޮސް ނޯންނާނެ ކަމަށެވެ.

އަދި ބައެއް ފަހަރު ބައްދަލުވުންތައް ނުބޭއްވެނީ، ކޮމިޓީގެ ކޯރަމާ އެއްވަރަށް މެންބަރުން ހަމަނުވެގެންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާމިރުގެ ދިފާއުގައި އިކްރާމް ވިދާޅުވީ، ކޮމިޓީގެ މެންބަރުންގެ ކަންބޮޑުވުންތަކެއް އުޅޭނަމަ، ވަކި ކުރުމުގެ ކުރިން އެކަން ރަނގަޅު ކުރުމުގެ ފުރުސަތެއް މުގައްރިރަށް ލިބެންޖެހޭނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އާމިރުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވޯޓަށް އެހިއިރު، އޭނާ ވަކި ކުރަން ފެންނަކަމަށް އާޒިމް އާއި، ނާޒިލްގެ އިތުރުން ސިރާޖު ވަނީ ވޯޓު ދެއްވައިފަ އެވެ.

އަދި ވަކި ކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ، އިކްރާމްގެ އިތުރުން އަސްލަމާއި ތޯރިގެވެ.

ވޯޓު އެއްވަރުވުމުން، ގަވައިދާ އެއްގޮތަށް ނައިބު މުގައްރިރު ނަސީރު ވޯޓު ދެއްވާފައިވަނީ އާމިރު ވަކި ކުރަން ނުފެންނަ ކަމަށެވެ.

އާމިރާ އެއްކޮޅަށް ވޯޓު ދެއްވަމުން، ނަސީރު ވިދާޅުވީ އިކްރާމް ވިދާޅުވި ގޮތަށް މެންބަރުންގެ ކަންބޮޑުވުންތަކާއެކު ކަންކަން ރަނގަޅު ކުރުމުގެ ފުރުސަތެއް އާމިރަށް ދޭންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ.