ހަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތައް ހަދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތައް ހަދާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފި އެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕް ގާއިމު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކަށް ޒޫމް މެދުވެރިކޮށް މައުލޫމާތު ދިނުމަށް ޕްރީބިޑް ބައްދަލުވުމެއް މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވަ އެވެ. މަޝްރޫއު ހިންގާ ސަރަހއްދު އެ ދުވަހު ދައްކާނެ އެވެ.

މި މަޝްރޫއަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000ރ. ދައްކަން ޖެހެ އެވެ. ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 24 ވަނަ ދުވަހެވެ.

ހުޅުމާލޭ ދެވަނަ ފިޔަވހީގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު ދެވަނަ ފިޔަވަހިން ފްލެޓް ލިބުނު މީހުނަށް އަންނަ އަހަރު ކުރީކޮޅު ފްލެޓަށް ވަދެވޭނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.