ހަބަރު

ކޫއްޑޫއަށް ދަރު ސަޕްލައި ކުރާނެ ބަޔަކު ހޯދަނީ

ގއ. ކޫއްޑުގައި މަސް ކައްކަން ދަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޫއްޑޫގެ މަސް ކާރުހާނާގައި މަސް ކައްކަން ބޭނުންވާ ދަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ދަރު ސަޕްލައި ކޮށްދޭން އެދި އަގު ހުށަހެޅޭނީ، ކުންފުންޏަކަށް ނުވަތަ، ފަރުދީ ގޮތުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް އެކަނި ކަމަށެވެ. އަދި ދަރު ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 15 ވަނަ ދުވަހު އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.

ދަރު ހޯދައިދޭން ޝައުގުވެރިވެ، ރަޖިސްޓްރީ ކުރާފަރާތްތަކަށް މައުލޫމާތު ކަރުދާސް މިމަހުގެ 15 ވަނަ ދުވަހު ފޮނުވައި ދޭނެ އެވެ. މި މަސއްކަތުގެ ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހެވެ.