މަޖީދީމަގުގެ ހެނމްވޭރު ކޮޅުގައި ހުންނަ ތޫމް ރެސްޓޯރަންޓު ބަންދު ކުރުމަށް ބޭނުންކުރާ ފިލާ ބިތްގަނޑު ވަގަށް ނެގި ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
ފުލުހުން އާންމު ކޮށްފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ދުވާލުގެ ވަގުތެއްގައި ދަބަސްތަކެއް ކޮނޑުގައި އަޅުވައިގެން މާސްކް އަޅައިގެން ތިބި ދެ މީޙަކު މަގުމަތިން ދާ ޕިކަޕެއް ހުއްޓުވާ މަންޒަރު ފެނެ އެވެ. އަދި ޕިކަޕް ހުއްޓުވުމަށްފަހު ތޫމް ރެސްޓޯރަންޓް ހުންނަ ދިމާލަށް ހިނގާފައިދާތަން ފެނެ އެވެ.
ފުލުހުން ބުނީ މި ދެމީހުންނަކީ ތޫމް ރެސްޓޯރަންޓް ބަންދުކުރުމަށް ބޭނުންކުރާ ފިލާތަކެއް ވަގަށް ނަގައިގެންދާ ދެމީހުން ކަމަށެވެ. އަދި އެ ފިލާތައް ވަގަށް ގެންދިޔައީ ރެސްޓޯރަންޓް ހުޅުވައިގެން ހިދުމަތް ވެސް ދެމުން ދިޔަ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ ތޫމް އިން ފިލާތަކެއް ނެގި މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި މި މައްސަލައިގައި ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ބޭނުންވާ ދެ މީހުން ކަމަށެވެ. އަދި މި ދެމީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ 9631696 ގުޅައި އެ ކަން ފުލުހުންނަށް ހިއްސާކުރަން ވަނީ އެދިފަ އެވެ.