ހަބަރު

މެދުކެނޑުމަށްފަހު ކޭ ޕާކް މަސައްކަތް މި މަހު ފަށަނީ

ކޮރެއަން ލަގްޒަރީގެ އެޕާޓްމެންޓްތައް ހިމެނޭ ހުޅުމާލޭގެ "ކޭޕާކް ރެސިޑެންސް" ގެ އެޕާޓްމެންޓް ބިލްޑިންގުގެ މަސައްކަތް ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތުމަށް ފަހު އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.

ހުޅުމާލޭ ސެންޓަރަލް ޕާކް ކައިރީގައި ހުން 14 ބުރީގެ އެޕާޓްމެންޓް ބިލްޑިންގުގެ މަސައްކަތުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ޝިޖިއާ އެވެ. ކޭ ޕާކް ރެސިޑެންސްގެ ބިނާ ކުރަނީ ރާއްޖޭގެ ހަންބޯ ކުންފުނިންނެވެ.

ކޭޕާކްގެ ރެސިޑެންސްގެ މަސައްކަތް އަލުން ފެށުމާ ބެހޭ ގޮތުން ހަންބޯގެ ޕްރޮޖެކްޓް ކޮންސަލްޓެންޓް އިބްރާހިމް ނަޝީދު މިއަދު ވިދާޅުވީ ކޭޕާކްގެ މަސައްކަތުގެ 75 ޕަސެންޓް ނިންމައި ކަސްޓަމަރުން ދައްކާ މޮކަޕް އެޕާޓްމަންޓްގެ މަސައްކަތް ހިނގަމުން ދަނިކޮށް މިދިއަ ފެބްރުއަރީ މަހު މެދު ކަނޑާލީ ޗައިނާގެ މަސައްކަތްތެރީންނާއި އެހެން މުވައްޒަފުން ޗައިނީޒް ނިއު އިޔާ ފާހަގަ ކުރަން ގައުމަށް ފުރުވާލަން ޖެހުމުން ކަމަށެވެ.

އޭގެ ފަހުން މަސައްކަތް ފަށައި ނުގެނެވި ހުއްޓިފައި އޮތީ ކޮވިޑް-19 އިގެ ބަލި މަޑުކަން މުޅި ދުނިޔެއަށް ފެތުރި ޗައިނާގެ މަސައްކަތްތެރިންނަށް އަނބުރާ ރާއްޖެ އާދެވޭނެ ގޮތް ނުވެގެން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކޭޕާކް އެޕާޓްމަންޓްތަކުގެ މަސައްކަތް ނިންމައި ކަސްޓަމަރުންނާއި ހަވާލު ކުރަން ކަމަށާއި އަލުން މަސައްކަތް ފަށަން ވާންޖެހޭ ތައްޔާރީތައްވެ ތަފްސީލް މައުލޫމާތުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސްވެރިންނާ މިއަދު ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ލަސްވެގެން މިމަހުގެ 18 ވަނަ ދުވަހު މަސައްކަތް ފަށާނެ ކަމަށާއި އަންނަ އަހަރުގެ އޭޕްރީލް މަހަށް މުޅީން ނިންމަން އަމާޒު ހިފާފައިވަ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ މަސައްކަތް އެންމެ ލަސްވެގެން ވެސް މިމަހުގެ 18 ވަނަ ދުވަހު ފަށަން. އަންނަ އަހަރުގެ އެޕްރީލް އަށް މަސައްކަތް ނިންމާ ކަސްޓަމަރުންނާއި އެޕާޓްމަންޓްތައް ހަވާލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ ވަނީ އެ ޔަގީންކަން ކަސްޓަމަރުންނަށް ދެއްވާފައި... ކޭޕާކްގެ ހުރިހާ އެޕާތްމަންޓްތަކެއްވެ ސް ހުރީ ރިޒާވްގައި." ނަޝީދު ވިދާޅުވި އެވެ.

ކޭޕާކްގެ ވެރިޔާ ހަސަން މަމްދޫހު މިއަދު ކުރެއްވި ޓްވީޓް

ކޭޕާކުން ލަގްޒަރީ އެޕާޓްމެންޓް ވިއްކަން ފުރުސަތު ހުޅުވާލީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ އެޕާޓްމަންޓް ބިލްޑިންގުގައި 110 އެޕާޓްމެންޓް ހުރެ އެވެ. 15،00 އަކްފޫޓާއި 12،00 އަކަފޫޓާ ދެމެދު އެޕާޓްމަންޓްތައް ހިމެނޭ މި އިމާރާތް އަޅާފައި ވަނީ 21،000 އަކަފޫޓުގެ ބިމެއްގަ އެވެ.

ކޭޕާކްގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގައެވެ. އެންމެ ތިރިން ބޭސްމަންޓް ހާއްސަކޮށްފައި ވަނީ ކާރާ ޕާކްކުރާށެވެ. އަދި އިމާރާތުގެ ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި ވަނީ ކޮމާޝަލް ބޭނުންތަކަށެވެ. އެ ދެ ބުރީގައި ސްވިމިން ޕޫލަކާއި ރެސްޓޯރެންޓްތަކާއި ޑޭ ކެއާ ސެންޓަރުތަކާއި ޖިމްތައް ހުންނާނެ އެވެ.

މުޅިން ކޮރެއާ ބްރޭންޑްތަކުގެ އުފެއްދުންތައް ބޭނުންކޮށްފައިވާ އެޕާޓްމެންޓެއް އަގު އުޅެނީ ތިން މިލިއަނާއި ފަސް މިލިއަނާ ދެމެދު އެވެ. ފައިސާ އެއް ފަހަރާ ދެއްކުމަށް ވެސް ފުރުސަތު އޮތްއިރު، އިސްލާމިކް ބޭންކުން މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. އެއީ ފުރަތަމަ 20 ޕަސެންޓް ދެއްކުމަށްފަހު އެވެ. އަދި އެޕާޓްމެންޓްތައް ވަނީ އިންޝުއާ ވެސް ކޮށްފަ އެވެ.

އިމާރާތުގައި ސޯލާ ޕެނަލް ހަރުކުރާއިރު އޭގެ ހަކަތަ ބޭނުން ކުރާނީ އިމާރާތް ދިއްލާށާއި ހަތަރު ލިފްޓަށެވެ. އޭގެ ތެރޭގައި ސްޓްރެޗާ ލިފްޓެއް ވެސް ހިމެނެ އެވެ. އެޕާޓްމެންޓް ހަވާލު ކުރާއިރު ހުރިހާ ފްރުނީޗަރަކާއި ސަމާނެއް ފުރިހަމައަށް ހަމަކޮށްފައި ހުންނާނެ އެވެ.