ރޭޕް

ސްޓޫޑިއޯއެއްގައި އަންހެނަކު "ރޭޕްކުރި" މީހާ 15 އަހަރަށް ޖަލަށް

Nov 5, 2020
4

މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ކުށް ސާބިތުވެ 15 އަަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. 2018 ވަނަ އަހަރުގެ ތެރޭގައި ހިނގި މި ހާދިސާއާއި ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ ގދ. ތިނަދޫ ހަސަން ފާއިޒު (ޖޭސަން) ގެ މައްޗަށެވެ. އޭނާއަކީ ކުރެހުންތެރިއެކެވެ.

އާޓިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެމީހާ އަންހެން ކުއްޖާއާ ގަދަކަމުން ބެހިފައިވަނީ، އެ އަންހެން ކުއްޖާ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް އެ ސްޓޫޑިއޯއަށް ދިޔަ ރެއެއްގައެވެ. އަންހެން ކުއްޖާއަކީ ވެސް އާޓިސްޓެކެވެ.

ޖެނުއަރީ 5، 2018 ގައި މީޑިއާއިން ސަމާލު ކަމަށް ގެނައި މި ހާދިސާއާ ގުޅޭގޮތުން އަނިޔާ ލިބުނު އަންހެން މީހާ އަވަސްއާ ވާހަކަދައްކަމުން ކުރިން ބުނީ އެ ސްޓޫޑިއޯ ތެރޭގައި އެމީހާ ގަދަކަމުން ބެހެން ފެށުމުން ސަލާމަތްވުމަށް އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެމީހާ ވަނީ އޭނާ ރޭޕްކޮށްފަ ކަމަށް ކުއްޖާ ކިޔައިދިނެވެ.

ދެހާސް އަށާރަ ޖެނުއަރީ މަހުގެ ތިންވަނަ ރޭގެ އަށެއް ޖަހާ އެހާކަންހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ރޭޕްގެ ވާހަކަ ސިއްރުކުރުމަށް 16،000 ރުފިޔާ ދޭނެ ކަމަށް އެމީހާ ބުނި ކަމަށް ވެސް އަންހެން ކުއްޖާ ބުންޏެވެ. އެ ފައިސާގައި އޭނާ ހިފާފައެއް ނުވެ އެވެ. އޭނާއަށް އެ ސްޓޫޑިއޯއިން ނުކުމެވުނީ އެ ރޭ 9:00 ގައި ކަމަށް އޭނާ ބުންޏެވެ. އޭރު ރޮއެ ރޮއެ ހަލާކުވެފައިވާ އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ރައްޓެހިން ކަމަށް ވެސް އަސަރާ އެކު އެ ވާހަކަ ކިޔައި ދެމުން އޭނާ ބުންޏެވެ.

ހޮސްޕިޓަލްގެ ޓެސްޓްތައް ހެދުމަށްފަހު އަންހެން ކުއްޖާގެ ބަޔާން ފުލުހުން ނަގާފައިވެ އެވެ. އެ އަންހެން ކުއްޖާ ބުނި ގޮތުގައި އެ ރޭ ފަތިހު 6:30 ވަންދެން ފުލުހުންނަށް އެ ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދިނުމުގައި ޕޮލިސް ސްޓޭޝަންގައި ހޭދަކުރި އެވެ. އަދި ފުލުހުންގެ ވެހިކަލްގައި ގޮސް، އެ ހާދިސާ ހިނގި ސަރަހައްދު ވެސް ފުލުހުންނަށް ދައްކާފައިވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އަންހެން ކުއްޖާގެ އަންނައުނުގައި އެމީހާގެ ޑީއެންއޭ ހުރުމުން އެ ވަނީ ހެކީގެ ގޮތުގަ ނަގާފަ އެވެ.