މެންޗެސްޓާ ޔުނައިޓެޑް

ސޮލްޝަޔާއަށް ޔުނައިޓެޑްގެ ތާއީދު އެބައޮތް

އެންމެ ފަހުގެ ދެ މެޗުން ހޯދި ދަށް ނަތީޖާ ތަކުގެ ސަބަބުން ހޫނު ފެނަށް ވެއްޓިފައިވާ ކޯޗް އޮލޭގަނާ ސޮލްޝަޔާއަށް މެންޗެސްޓާ ޔުނައިޓެޑްގެ ވެރިންގެ ތާއީދު އޮތްކަން އޭނާއަށް އަންގައިފި އެވެ.

ސޮލްޝަޔާ ހޫނު ފެނަށް ވެއްޓުނީ، މިދިޔަ އާދީއްތަ ދުވަހު އޯލްޑްޓްރަފާޑްގައި، އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުންނާއި ޗެމްޕިއަންސް ލީގްގައި ތުރުކީގެ އިސްތަންބޫލް ބަޝްކްޝިއާ އަތުން ބަލި ވުމުންނެވެ. އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުގައި ސޮލްޝަޔާގެ ޓީމުން ގޯލަށް އަމާޒުވާ ގޮތަށް ފޮނުވާލީ ދެ ޝޮޓެވެ.

މި ސީޒަންގެ ޕްރިމިއާ ލީގްގައި އޯލްޑްޓަރްފާޑްގައި ކުޅުނު އެއްވެސް މެޗަކުން ޔުނައިޓެޑަށް މޮޅުވެވިފައެއް ނުވެ އެވެ. ޔުނައިޓެޑް އޮތީ 15 ވަނައިގަ އެވެ.

"ދި އެތުލެޓިކު" ން ބުނެފައި ވަނީ، ޔުނައިޓެޑްގެ ވެރިންގެ ތާއީދު ސޮލްޝަޔާއަށް އޮތްކަން އޭނާއަށް އަންގާފައިވާ ކަމަށެވެ. ޗެމްޕިއަންސް ލީގްގައި ޕއެސްޖީ އާއި އާރްބީ ލައިޕްޒިގް އަތުން ޔުނައިޓެޑް މޮޅު ވެފައި ވުމުން ސޮލްޝަޔާއަށް ފުރުސަތު ދޭން ޖެހޭ ކަމަށް ޔުނައިޓެޑުން ގަބޫލު ކުރެ އެވެ. އަދި އޭނާގެ ކޯޗް ކަމުގެ ދަށުން ކުޅުންތެރިން ހޯދަމުން އަންނަ ކުރިއެރުން ވެސް ޔުނައިޓެޑްގެ ވެރިން ފާހަގަ ކުރާ ކަމަށް ދި އެތުލެޓިކުން ބުނެ އެވެ.

ޔުނައިޓެޑްގެ ކޯޗް ކަމަށް މައުރީޝިއޯ ޕޮޗެޓިނޯ ގެނައުމަށް، އޭނާއާއެކު ޔުނައިޓެޑުން ވާހަކަތައް ފަށާފައިވާ ކަމުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ. މިޑީއާ ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން އާ ކޯޗެއް ހޯދުމަށް ރަސްމީ އެއްވެސް މަސައްކަތެއް އަދި ނުފަށަ އެވެ. އެ މަސައްކަތުގައި ޔުނައިޓެޑްގެ އެންމެ އިސް ޓާގެޓަކަށް ވާނީ ޕޮޗެޓިނޯ އެވެ. މިދިޔަ ހޯމަ ދުވަހު ޕޮޗެޓީނޯ ބުނެފައި ވަނީ ރަނގަޅު ޕްރޮޖެކްޓަކަށް އޭނާ މަޑު ކުރާނެ ކަމަށެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ކަމުން އޭނާ ވަކި ކުރި ފަހުން އޭނާ ހުރީ ހުސްކޮށެވެ. މީގެ ކުރިންވެސް ޔުނައިޓެޑާ ގުޅުވައި ޕޮޗެޓިނޯގެ ޓްރާންސްފާ ވާހަތައް ފެތުރި އެވެ.