މާޗް މަހުން ފެށިގެން އެއްވެސް މެޗަކުން ބަލި ނުވުމުގެ ޓްރެކް ދަމަހައްޓަމުން އައި އޭސީ މިލާން 3-0 ން ފްރާންސްގް ލިލް އަތުން ބަލި ވެއްޖެ އެވެ.
ޔޫރޮޕާ ލީގްގައި ރޭ ކުޅުނު މެޗުގައި ލިލްގެ ތިން ލަނޑު ވެސް ކާމިޔާބު ކޮށް ހެޓްރިކް ހެދީ ޔޫސުފް ޔަޒީޗީ އެވެ. މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް އެ ޓީމު ނުކުތީ ލިލް ބަލިކޮށް، ދެ ވަނަ ބުރުގެ ޖާގަ ޔަގީން ކުރުމަށެވެ.
ލީލްގެ ފުރަތަމަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޔަޒީޗީ ކާމިޔާބު ކުރި ލަނޑެކެވެ. އަނެއް ދެ ލަނޑު އޭނާ ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ ކުރީ ކޮޅުއެވެ. ދެ ވަނަ ލަނޑު 55 ވަނަ މިނެޓްގައި އޭނާ ކާމިޔާބު ކުރީ ޖޮނަތަން އިކޯން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ ތިން މިނެޓް ފަހު ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކުރި އެވެ.
ޔޫރޮޕާ ލީގްގައި އަމިއްލަ ދަނޑުގައި ކުޅެ މީގެ ކުރިން މިލާން ކޮޅަށް ތިން ލަނޑު ވަދެފައި ވަނީ ނުވަ އަހަރު ކުރިންނެވެ. މީގެ ކުރިން ޔޫރޮޕާ ލީގްގައި އަމިއްލަ ދަނޑުގައި އެ ޓީމު ކޮޅަށް ތިން ލަނޑު ވަދެ ފައި ވަނީ ނޮވެމްބަރު 2011 ގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ނެގި ދިގު ބުރޭކަށް ފަހު ފުޓްބޯޅަ އަލުން ފެށިއިރު މިލާން އޮތީ ރަނގަޅު ފޯމެއްގަ އެވެ. ހާއްސަކޮށް މި ސީޒަންގައި އެ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެ ޓީމު އޮތީ ސެރީ އޭ ގެ އެއް ވަނައިގަ އެވެ.
މެޗަކުން ބަލި އެ ވީ 24 މެޗަށް ފަހު އެވެ. މީގެ ކުރިން އެ ޓީމު މެޗަކުން ބަލި ވެފައި ވަނީ މާޗް އަށެއްގައި ޖެނޯއާ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުންނެވެ.