އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އުޓާ ކިޔާ ރަށެއްގައި 40 އަހަރުގެ އަންހެނަކު ފުރާވަރުގެ އަންހެންކުއްޖަކަށް ހަމަލަދީފި އެވެ އަންހެންމީހާ އެ ކުއްޖާއަށް ހަމަލަ ދިނީ "އާންޓީ" އޭ ކިޔާފައި މުޚާތަބު ކޮށްގެންނެވެ. އާއްމުކޮށް އިންޑިޔާ މީހުން އާންޓީ އޭ ކިޔާފައި ގޮވަނީ ދިވެހިން ދައްތާއޭ ކިޔާފައި ގޮވާ އުސޫލުންނެވެ. ނަމަވެސް މި އަންހެންކުއްޖާ އާންޓީ އޭ ބުނުމުން އަންހެންމީހާ އައީ އަމަށަކު ރުޅިއެއް ނޫނެވެ.
މި ހާދިސާ ހިނގީ މިދިޔަ ހޯމަ ދުވަހު އެޓާގެ ބަބުގަންޖް މާކެޓްގަ އެވެ. އެ ވަގުތަކީ ގިނަ ބަޔަކު އެ މާރުކޭޓަށް ބާޒާރުކުރަން ގޮސް އުޅުނު އިރެކެވެ.
ޓައިމްސް އޮފް އިންޑިޔާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އަންހެންކުއްޖާ "އާންޓީ" އޭ ކިޔާފައި އަންހެންމީހާ އާ ދިމާލަށް ގޮވާލުމާއެކު އަންހެންމީހާ ޓީންއޭޖް ކުއްޖާ އަށް ހަމަލަ ދިނީ އެވެ. އަދި ދެ މީހުން އެކަކު އަނެކަކާ ތަޅާ ފޮޅަމުން ދަނިކޮށް އެ މާރުކޭޓަށް ބާޒާރުކުރަން ގޮސް ތިބި ބައެއް މީހުން ވެސް މި ތަޅާފޮޅުމުގައި ވަނީ ބައިވެރި ވެފަ އެވެ.
އަންހެންމީހާ ވަނީ ކުއްޖާގެ އިސްތަށިގަނޑަށް ދަމާ ކުއްޖާ އަށް ވަރަށް އަނިޔާކޮށްފަ އެވެ.
އެންމެފަހުން މި ދެ މީހުން ދުރުކުރަން ޖެހުނީ އަންހެން ފުލުހަކު މަސައްކަތް ކޮށްގެންނެވެ. ފަހުން މި ދެ މީހުން ވަނީ އަމިއްލައަށް ސުލްހަވެ ފުލުހުންނަށް މައްސަލަ ހުށަހަޅަން ބޭނުން ނުވާކަމަށް ބުނެފަ އެވެ.