ބޮލީވުޑް

ގޯހަރް އާއި ޒައިދު ދަރްބާރް އެންގޭޖްވެއްޖެ

އެކްޓަރު އަދި ޑާންސަރު ގޯހަރް ޚާން އާއި ނެށުންތެރިޔާ ޒައިދު ދަރްބާރް އެންގޭޖް ވެއްޖެ އެވެ. މި ދެ ފަންނާން އެންގޭޖްވީކަން އިއުލާން ކޮށްފައި ވަނީ އިންސްޓަގްރާމް ގައެވެ.

ގޯހަރް އާއި ޒައިދު ވަނީ ރިންގް އީމޯޖީއެއް ކެޕްޝަންގައި ޖަހާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. އެ ފޮޓޯގައި ގޯހަރް ހުންނަނީ "ޝީ ސެޑް ޔެސް" (އޭނާ އާނއެކޭ ބުނެފި) ޖަހާފައިވާ ފުއްޕާހަމެއް ހިފައިގެންނެވެ.
ގޯހަރް އާއި ޒައިދު އެކުގައި ނަގާފައިވާ ފޮޓޯތައް މި ދެ ތަރިން ސޯޝަލް މީޑިއާގައި ޝެއާ ކުރަން ފެށީ ދާދި ފަހުންނެވެ.
ޒައިދު އަކީ މިއުޒިކް ޑައިރެކްޓަރު އިސްމާއިލް ދަރްބާރްގެ ދަރިއެކެވެ.

ގޯހަރް އާއި ޒައިދުގެ ގުޅުމާ ބެހޭ ގޮތުން އިސްމާއިލް ދަރްބާރް ވަނީ ތަންކޮޅެއް ކުރިން ޓައިމްސް އޮފް އިންޑިޔާ އަށް ދީފައިވާ އިންޓަވިއު އެއްގައި ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ޒައިދު އާއި ގޯހަރް ކައިވެނި ކުރަންޏާ އޭނާގެ ހެޔޮ ދުއާ އެމީހުންނަށް ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.

ގޯހަރް އާއި ޒައިދު ކައިވެނިކުރަން ބޭނުންވާނަމަ އެކަމާ ހުރަސް އަޅަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.
"ޒައިދު އަށް މިހާރު 29 އަހަރު ފުރިއްޖެ. އެހެންވީމާ އޭނާއަށް އެނގޭނެ ހަޔާތުގެ ބައިވެރިޔަކަށް ހޮވަންވީ ކޮން ކަހަލަ ސިފަތަކެއް ހުރި މީހެއްކަން،" ދަރުބާރު ބުންޏެވެ.