ގައުމީ ފިލްމު އެވޯޑްސް އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެނބުރި އައުމަކީ ޔަގީނަށް ވެސް ފިލްމީ ދާއިރާގެ ތަރައްގީ އަށް އަދި ކުރިއެރުމަށް ކުރެވޭ މަސައްކަތުގައި އާ ކުރިތަކެއް ފަޅައިގެންދާނެ ކަމެކެވެ. ކުރިއަށް އޮތީ "ހަ ވަނަ ގައުމީ ފިލްމު އެވޯޑްސް" އެވެ. އަންނަ ބުރާސްފަތި ދުވަހު އެވޯޑް ހަފުލާ ބާއްވާއިރު ނުވަ ފިލްމު ވާދަކުރާ ފީޗާ ފިލްމު ކެޓަގަރީގައި 23 ކެޓަގަރީއަކުން އެވޯޑް ދޭނެ އެވެ.
މި ކެޓަގަރީތަކަށް އަދި ކުރު ފިލްމުތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީތަކުން އެވޯޑަށް ވާދަކުރާ ފިލްމުތައް އިއުލާނުކުރާނީ އަންގާރަ ދުވަހު އެވެ.
އެހެންވީމަ ކުރިއަށް ދެން މި އޮތީ "އަވަސް" ލަފާކޮށްލުމެކެވެ. އެނބުރި އައި ޝަރަފްވެރި ގައުމީ އެވޯޑްސް އަށް ނުފަ ފީޗާ ފިލްމެއްގެ ނަން ހުށަހަޅާފައިވާއިރު ކޮންމެ ކެޓަގަރީއަކުން ވެސް ގަދަ ފަހެއް ހޮވާނެ އެވެ.
އެކަމަކު އެ ގަދަ ފަހެއް އިއުލާނުކުރުމުގެ ކުރިން މި އޮތީ އެވޯޑަށް ނަން ހުށަހެޅި ނުވަ ފީޗާ ފިލްމުގެ ތެރެއިން "އަވަސް" ގެ ގަދަ ފަސް ހޮވުމެވެ. އެވޯޑަށް ވާދަކުރުމުގެ ފުރުސަތު ނެޝެނަލް ސެންޓަ ފޯ ދި އާޓްސް އިން ހުޅުވާލާފައި ވަނީ 2008 ވަނަ އަހަރު ނެރުނު ފިލްމުތަކުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ނެރުނު ފިލްމުތަކަށެވެ.
އެ ފިލްމު ތަކަކީ:
- ޔޫސުފް
- ހިތް ރޮއްވާނުލާ
- ހެޕީ ބާތު ޑޭ
- ނިއުމާ
- ޒަލްޒަލާ އެނބުރި އައުން
- ދިންވޭނުގެ ހިތާމާގައި
- ހެޔޮނުވާނެ
- ވީރާނާ
- ފަނާ
އެހެންވީމަ މި ނުވަ ފިލްމުގެ ތެރެއިން ގަދަ ފަހެއް ހޮވާ ނަމަ އެ ވަނަތަކަށް ހައްގު ފިލްމުތަކަކީ ކޮބައި ހެއްޔެވެ؟ ޔަގީނަށް ވެސް މި ލިސްޓެއްގައި އޮތް އެންމެ ތަފާތު ދިވެހި ފިލްމަކީ ޑާކް ރެއިންގެ އެންޓަޓެއިންމަންޓްގެ އެވޯޑާ ރައްޓެހި އެކަމަކު ބެލުންތެރިންނާ ބީރައްޓެހި ދިވެހި ފިލްމު "ހެޕީ ބާތު ޑޭ" އެވެ.
ޑާކް ރެއިންގެ ޕްރޮޑިއުސަރު މުހައްމަދު އަލީ މޮގާ ބުނެފައިވާ ގޮތުން އޭނާގެ ސްޓޫޑިއޯ އަށް އެންމެ ބޮޑު ގެއްލުމެއްވި އެއް ފިލްމަކީ "ހެޕީ ބާތު ޑޭ" އެވެ. ނަމަވެސް އޭނާގެ އެ ފިލްމަކީ މޯލްޑިވްސް ފިލްމު އެވޯޑްސްގައި 2011 ވަނަ އަހަރު އެންމެ މޮޅު ފިލްމާއި ޑައިރެކްޓަރުގެ އެވޯޑާ އެކު 12 އެވޯޑް ކާމިޔާބުކޮށް ރިކޯޑް މުގުރާލި ފިލްމެކެވެ.
އެހެންވީމަ، "ހެޕީ ބާތު ޑޭ" އަކީ އޮލިމްޕަހުގައި ފްލޮޕް ބޯޑް އަޅުވަން ޖެހުނު ފިލްމަކަށްވިޔަސް ކުރިއަށް އޮތް އެވޯޑް ހަފުލާގައި ފްލޮޕްވާނެ ފިލްމެއް ކަމަކަށް ނުބެލެވެ އެވެ. ޔަގީނަށް ވެސް މިފަހަރު ވެސް ރޭހުގެ އެންމެ ކުރީގައި އޮންނާނެ ފިލްމަކަށް ވާނީ މި ފިލްމެވެ.
މީގެ ހަތަރު ކުރިން ބޭއްވި މޯލްޑިވްސް ފިލްމު އެވޯޑްސްގައި ވެސް ފެވަރިޓަކަށްވީ މި ފިލްމެވެ. އަދި އެ ހަފުލާގައި ވާދަކުރި ފިލްމުތަކަށް ބަލާއިރު އެންމެ މައްސަލަ ބޮޑު ފިލްމަކީ ވެސް މިއީ އެވެ. ފިލްމު ހޯދި ކާމިޔާބީ އަށް ފިލްމީ ދާއިރާގެ ބައެއް މީހުންގެ ހަމަލާތަކެއް އަމާޒުވިއިރު އެމީހުން އޭރު ދެއްކި ވާހަކަތަކުގައި ހަމަ އަސްލަށް ވެސް ހަމަޖެހޭ ނުކުތާތަކެއް ހުރިކަން މިހާރު އަޅުގަނޑަށް ވެސް ގަބޫލުކުރެވެ އެވެ.
އަޅުގަނޑަކީ އެއްވެސް އިރެއްގައި "ހެޕީ ބާތު ޑޭ" ކަމުގޮސްގެން، އެ ފިލްމު މާ މޮޅު ފިލްމަކަށް ހަދައިގެން ވާހަކަ ދެއްކި ފަރާތެއް ނޫނެވެ. ނަމަވެސް ހިތާމައަކީ އެފަހަރުގެ އެވޯޑް ހަފުލާއާ ކުރިމަތިލިއިރު އެ ފިލްމާ އެންމެ ވާދަކުރި "ޔޫސުފް" ބެލިފައި ނެތުމެވެ. އޭގެ ސަބަބުން "ހެޕީ ބާތު ޑޭ" އަށް ލިބުނު ބައެއް އެވޯޑްތަކާ މެދު ހިތްހަމަނުޖެހިން ބައެއް މީހުން ދެއްކި ވާހަކަ އޭރު ގަބޫލުނުކުރެވުނަސް ޑައިރެކްޓަރު ފާތިމަތު ނަހުލާގެ "ޔޫސުފް" ފަހުން ބަލައިލުމުގެ ފުރުސަތު ލިބިގެން ދިއުންވީ މި ދެ ފިލްމުގެ ހުރި ތަފާތު ނިކަން ރަނގަޅަށް އެނގިގެން ދިޔަ ކަމަށެވެ.
މި ސަބަބާ ހެދި މިފަހަރުގެ އެވޯޑް ހަފުލާގައި އަޅުގަނޑުގެ ދެ ފެވަރިޓަކަށް ހޮވާނީ "ހެޕީ ބާތު ޑޭ" އާއި "ޔޫސުފް" އެވެ.
މޯލްޑިވްސް ފިލްމު އެވޯޑްސްގައި މި ދެ ފިލްމަކީ ގަދަ ހިފުމަކަށް ދިޔަ ދެ ފިލްމެވެ.
އެ ރޭހުގައި "ޔޫސުފް" ބަލިކޮށް އެންމެ މޮޅު ފިލްމުގެ އެވޯޑާއި ޑައިރެކްޝަންގެ އެވޯޑް "ހެޕީ ބާތު ޑޭ" ގެންދިޔަ ގެންދިއުމަށް އެއްޗެކޭ ބުނާ މީހަކަށް ވާން އަޅުގަނޑު ބޭނުމެއް ނުވެ އެވެ. އެކަމަކު އެންމެ މޮޅު އެކްޓަރުގެ އެވޯޑް އެފަހަރު ޔޫސުފް ޝަފީއު އަށް "ހެޕީ ބާތު ޑޭ" އިން ލިބިގެން ދިއުމަކީ ޔަގީނަށް ވެސް އެންމެ އިންސާފުވެރި ގޮތެއް ނޫނެވެ.
ސަބަބަކީ ޔޫއްޕެ އޭނާގެ ކެރިއަރުގައި މިހާތަނަށް ދިން އެންމެ ވަރުގަދަ ޕާފޯމެންސަކީ "ޔޫސުފް" ގައި އޭނާ ކުޅެފައިވާ އާދަޔާހިލާފު ރޯލު ކަމަށްވުމެވެ. ނަހުލާ އާއި ޔޫއްޕެގެ މާ ގިނަ ކަމުދާ މަސައްކަތްތަކެއް ފެނިފައި ނެތަސް މޮޅު މަސައްކަތެއްގެ އަގު ވަޒަންކުރަން ޖެހޭނެ އެވެ. އެގޮތުން އަޅުގަނޑުގެ ހިޔާލުގައި "ޔޫސުފަށް" ލިބެން ޖެހޭ މުހިންމު އެވޯޑެއް އޮތީ ފޭރިގަނެފަ އެވެ. ނުވަތަ ބޭއިންސާފުން އެހެން ފިލްމަކަށް ދެވިފަ އެވެ.
"ހެޕީ ބާތު ޑޭ" އަކީ ހަގީގަތުގައި އެންމެ މޮޅު ފިލްމުގެ އެވޯޑް ވެސް ލިބޭ ފެންވަރުގެ ފިލްމެއް ނޫނެވެ. ނަމަވެސް އެފަހަރު އެ ފިލްމު ވާދަކުރި އެހެން ފިލްމުތަކުގެ ފެންވަރު ދަށްވީމަ ހުރިހާ އެވޯޑްތަކެއް ލިބުނީ ކަމަށް ވެސް ވެދާނެ އެވެ.
އެ ފިލްމަކީ މޮޅު ފިލްމެއް ނޫން ކަމަށާއި އެއަށް ލިބުނު އެވޯޑްތަކަށް ފަހުރުވެރިނުވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު މޫމިން ފުއާދު ވެސް އޭރު ބުންޏެވެ. އޭނާ އެ ކާމިޔާބީ ސިފަކުރި ލަދުވެތިކަމެއްގެ ގޮތުގަ އެވެ.
ކުރު ފިލްމަކަށް ހަދަން މޫމިން ބޭނުންވި "ހެޕީ ބާތު ޑޭ" ފީޗާ ފިލްމަކަށް ބަދަލުކޮށްލީމަ އޮތީ "ލޫޕެއްގައި" ޖެހިފައި އޮތް ޕްރޭންކް ވީޑިއޯ ކްލިޕެއްގެ ގޮތުގަ އެވެ. އަދި އެ ފިލްމުގައި ޔޫސުފް ޝަފީއު ދެއްކި އެކްޓިން އަށް އެވޯޑެއް ލިބޭ ނަމަ އޯވާ އެކްޓިން ދައްކާ އެހެން ހުރިހާ ދިވެހި ތަރިންނަށް ވެސް އެވޯޑް ދޭން ޖެހޭނެ އެވެ.
އެހެންވީމަ މި ހުރިހާ ސަބަބުތަކަށް ބަލާއިރު އަދި މި އަހަރުގެ ގައުމީ ފިލްމު އެވޯޑްސް އަށް ވާދަކުރާ ފިލްމުތަކަށް ބަލާއިރު ކުރީ ފަހަރަށް ވުރެ "ހެޕީ ބާތު ޑޭ" އަށް އޮތް ސަޕްރައިޒް ބޮޑުވެފައި ވަރުގަދަވާނެކަން ޔަގީނެވެ. ސަބަބަކީ ފާއިތުވި ފަސް ވަރަކަށް އަހަރު ތެރޭގައި ނުކުތް އެންމެ މޮޅު ދިވެހި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެއް ކަމުގައިވާ "ނިއުމާ" ވެސް މިފަހަރުގެ ރޭހަށް ނުކުމެފައިވުމެވެ.
ޔަގީނަށް ވެސް އެންމެ މޮޅު ފިލްމަށް ވާދަކުރާ ފަސް ފިލްމުގެ ތެރޭގައި "ހެޕީ ބާތު ޑޭ" އާއި "ޔޫސުފް" އަދި "ނިއުމާ" ހިމެނިގެންދާނެ އެވެ.
"ޔޫސުފް" އާއި "ނިއުމާ" އަކީ ރާއްޖޭގައި ވިޔަފާރީގެ ގޮތުން ވެސް ނިކަން ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމެވެ. އަނެއްކޮޅުން މި ދެ ފިލްމަކީ އަންހެން ދެ ޑައިރެކްޓަރެއްގެ މަސައްކަތެވެ. އެއީ ނަހުލާ އާއި ބަތަލާ ނިއުމާ މުހައްމަދު އެވެ.
މި ތިން ފިލްމާ ދެން އެންމެ ގާތުން ވާދަކުރާނެ ކަމަށް ބެލެވޭ ދެ ފިލްމަކީ ހޮވަން އެހާ ފަސޭހަ ދެ ފިލްމެއް ނޫނެވެ. ސަބަބަކީ މި ތިން ފިލްމަށް ފަހު ފީޗާ ކެޓަގަރީ އަށް ނުކުމެފައިވާ އެހެން ފިލްމުތަކަކީ ގާތްގަނޑަކަށް އެއް ފެންވަރެއްގެ ފިލްމުތަކަކަށްވާތީ އެވެ.
ފަހަރެއްގައި ގަދަ ފަހެކުން ދެން ފުރުސަތު ހޯދާނީ "ދިންވޭނުގެ ހިތާމާގައި" އާއި "ހެޔޮނުވާނެ" އެވެ.
އެންމެ މޮޅު ފިލްމަށް ވާދަކުރާނެ ކަމަށް ބެލެވޭ ފަސް ފިލްމު:
- ހެޕީ ބާތު ޑޭ
- ޔޫސުފް
- ނިއުމާ
- ދިންވޭނުގެ ހިތާމާގައި
- ހެޔޮނުވާނެ
މިއީ އަޅުގަނޑުގެ "އަވަސް" ހޮވުމެކެވެ. އެއްގޮތަކަށް ވެސް ގައުމީ ފިލްމު އެވޯޑްސްގެ ރަސްމީ ހޮވުމެއް ނޫނެވެ.
އެހެންވީމަ އެންމެ މޮޅު ފިލްމަކަށް ހޮވިދާނެ ކަމަށް ބެލެވޭ ފިލްމަކާ ބެހޭ ގޮތުން ވާހަކަ ދައްކަން އެނބުރި އަންނާނީ ރަސްމީ ނޮމިނޭޝަންތަކަށް ފަހު އެވެ.