ފިލްމު ބެލުމަށް ލޯބިކުރާ ގިނަ ބަޔަކަށް ނޮވެމްބަރު މަހަކީ ވަރަށް ހިތްހަމަޖެހޭ މަހަކަށް ވާނެ އެވެ. ސަބަބަކީ މުޅިން އާ 13 ފިލްމާއި ސީރީޒް އެކިއެކި އޯޓީޓީ ޕްލެޓްފޯމްތަކުގައި މި މަހުގެ ތެރޭގައި ރިލީޒްކުރަން ހަމަޖެހިފައިވާތީ އެވެ. މީގެ ތެރޭގައި ހިންދީ އަދި އިނގިރޭސި ފިލްމުތަކާއި ސީރީޒްތައް ހިމެނެ އެވެ.
އެގޮތުން ރިލީޒްކުރާ ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ "މަމް ބާއީ" އެވެ. އަންގަދު ބޭދީ އާއި ސިކަންދަރް ކޭރް، ސަންދީޕާ ދަރް، އަދި ޕްރިޔަންކް ޝަރުމާ އާއި މަދުރިމާ ރޯއީގެ މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ އެންޓި-ޓެރޮރިޒަމް ސްކޯޑު (އޭޓީއެސް) އިން ރަށެއްގައި އުޅޭ ގޭންގްސްޓާރުންތަކަކާ ކުރިމަތިލައިގެން ހިނގާ ހާދިސާ ތަކެކެވެ. މި ފިލްމު ރިލީޒްކުރާނީ ޒީ5 އަދި އަލްޓްބާލާޖީ އިން ނޮވެމްބަރު 6 ގައެވެ.
ދެ ވަނަ އޮތީ "ޔަންގް ޝެލްޑަން" ސީޒަން 4 އެވެ. މި ސީޒަންގައި ވެސް ފެންނާނީ ޝެލްޑަން ކޫޕާގެ ހަޔާތުގެ ސަފުހާ ތަކެކެވެ. މި ސީޒަން ފެށޭނީ ތިން ވަނަ ސީޒަން ނިމުނު ހިސާބުންނެވެ. ކޫޕާ އަކީ ހައި ސްކޫލް ގްރެޖުއޭޓް އެކެވެ. އެހެންކަމުން ހަތަރު ވަނަ ސީޒަންގައި ބޮޑަށް ފެންނާނީ އާއިލާގެ މީހުންނާއި އެކުވެރިންނާ ކޫޕާ އާ އޮންނަ ގުޅުމެވެ.
ނޮވެމްބަރު 6 ގައި މި ސީރީޒް ރިލީޒްކުރާނީ އެމެޒޯން ވީޑިއޯ ޕްރައިމް އިންނެވެ.
ލިސްޓުގެ ތިން ވަނައިގައި އޮތީ އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީގެ "ލަކްޝްމީ" އެވެ. ނޮވެމްބަރު 9 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ރިލިޒްކުރަން ހަމަޖެހިފައިވާ މި ފިލްމަށް ވަރަށް ގިނަ މައްސަލަތައް ފާއިތުވީ ދުވަސްތަކުގައި ކުރިމަތި ވެފައި ވެއެވެ. ހޮރޯ-ކޮމެޑީ މި ފިލްމުގައި އަކްޝޭ ކުޅެނީ ހުންސާއެއްގެ ރޫހު ހަށިގަނޑަށް ވަދެގެން އުޅޭ މީހެއްގެ ރޯލެވެ. މިއީ 2011 ގައި ރިލީޒްކުރި ތަމަޅަ ފިލްމު "ކަންޗަނާ"ގެ ރިމޭކް އެކެވެ.
އެމްއެކްސް ޕްލެޔާ އިން ނޮވެމްބަރު 11 ވަނަ ދުވަހު ރިލީޒްކުރާ "އާޝްރަމް ޗެޕްޓާ 2" އަކީ ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާނެ ޒާތުގެ ފިލްމެކެވެ. މިއީ އަމިއްލައަށް ކަލެއް ކަމަށް ހެދިގެން އުޅޭ މީހެއްގެ ހަގީގީ ސޫރަ ދައްކުވައިދޭނެ ފިލްމެކެވެ. ޕްރަކާޝް ޖާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އެންމެ މުހިއްމު ރޯލެއް ކުޅޭނީ ބޮބީ ޑިއޯލް އެވެ.
އަބީޝެކް ބައްޗަން އާއި ރާޖްކުމާރު ރާއޯ، އަދިތުޔާ ރޯއި ކަޕޫރު، ސާންޔާ މަލްހޯތުރާ، ފާތިމާ ސަނާ ޝައިޚް، އާޝާ ނެގީ އަދި ޕަންކަޖް ޓްރިޕާޓީގެ "ލޫޑޯ" ވެސް މިމަހު ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އަނުރާގް ބާސޫ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރާނީ ނޮވެމްބަރު 12 ވަނަ ދުވަހު ނެޓްފްލިކްސް އިންނެވެ.
ހަންސަލް މެހެތާގެ "ޗަލާންގް" ވެސް ނޮވެމްބަރުގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ނޮވެމްބަރު 13 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިން ރިލީޒްކުރާ މި ފިލްމުގެ ތަރިންނަކީ ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ އެވެ.
"ޕަރްމާނޫ'ގެ ޑައިރެކްޓަރު އަބީޝެކް ވަރުމާގެ "ސޫރަޖް ޕޭ މަންގަލް ބާރީ" ރިލީޒްކުރާނީ ޒީ5 އިން ނޮވެމްބަރު 13 ވަނަ ދުވަހު އެވެ. މި ފިލްމުގެ ތަރިންނަކީ މަނޯޖް ބަޖްޕާއީ އާއި ދިލްޖީތު ދޮސާންޖް އަދި ފާތިމާ ސަނާ ޝައިޚެވެ. އަންނޫ ކަޕޫރާއި ވިޖޭ ރާޒް ފަދަ ހުނަރުވެރި ދުވަސްވީ އެކްޓަރުން ވެސް މި ފިލްމުގައި މުހިއްމު ރޯލުތަކެއް ކުޅެ އެވެ.
މީގެ އިތުރުން ވެސް ޒީ-5 އިން ނޮވެމްބަރު 28 ގައި ރިލީޒްކުރާ ރަޖީވް ކަންޑެލްވާލް އާއި ޓީނާ ދައްތާ އަދި ސްރީޖީތާ ރޭގެ "ނަކްސަލްބާރީ" އާއި، ހަމަ އެ ޕްލެޓްފޯމުން ނޮވެމްބަރު 20 ގައި ދައްކަން ފަށަން ހަމަޖެހިފައިވާ ރާހޫލް ދޭވް، އަނޫޕް ސޯނީ، ޕައޯލީ ޑާމްގެ މާޑާ މިސްޓްރީ އަކީ ވެސް ވަރަށް ރީތި ވަނަ ކަމަށް ބެލެވޭ ފިލްމު ތަކެކެވެ.