ބޮލީވުޑް

އިންޖިނިއަރިން ޑިގްރީ އޮތް ބައެއް ފަންނާނުން

މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ ފަންނާނުންނަކީ މާ ރަނގަޅު ތައުލީމެއް ލިބިފައި ނެތް ބަޔަކު ކަމަށް ވަރަށް ގިނަ މީހުން ހީކުރެ އެވެ. ނަމަވެސް ފަންނާނުންގެ ގޮތުގައި ކިޔަވައިގެން ތިބި އިލްމީ މީހުން ވެސް މަސައްކަތްކުރާ ކަމަކީ ހަގީގަތެކެވެ. ބޮލީވުޑާއި ހޮލީވުޑްގައި މިފަދަ ތައުލީމީ ފަންނާނުން ވަރަށް ގިނަ އެވެ. މީގެ ތެރޭގައި އިންޖިނިއަރިން ޑިގްރީ އޮތް ފަންނާނުން ތިބިކަން ފާހަގަ ކޮށްލެވެ އެވެ.

އިންޖިނިއަރިން ޑިގްރީއެއް އޮތް ފަންނާނުންގެ ތެރޭގައި މިހާރު އަލަށް މަޝްހޫރުވަމުން އަންނަ ބަތަލާ ކްރީތީ ސެނޯން ހިމެނެ އެވެ. ޓައިގާ ޝްރޮފް އާއެކު 2014ގައި "ހީރޯޕަންތީ" އިން ބޮލީވުޑަށް ނުކުތް ކްރީތީ އަތުގައި އިލެކްޓްރޯނިކްސް އެންޑް ޓެލެކޮމިއުނިކޭޝަން އިންޖިނިއަރިންގެ ބީ-ޓެކް ޑިގްރީ އެއް އެބައޮތެވެ.

ހޮލީވުޑްގެ ޕިއާނޯ ކުޅުންތެރިޔާ އަދި ކޮމްޕޯސާ ހާބާޓް ޖެފްރީ ހެންކޮކް އަކީ ވެސް އިލެކްޓްރިކަލް އިންޖިނިއަރިންގެ ޑިގްރީއެއް އޮތް މީހެކެވެ. އޭނާ ޑިގްރީ ނިންމާފައިވަނީ 1960 ވަނަ އަހަރު ކްރިނެލް ކޮލެޖުންނެވެ.

ހޮލީވުޑް އެކްޓަރު ރޯވިން އެޓްކިންސަން އަކީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ އެކްޓަރެކެވެ. މިސްޓަ ބީންގެ ރޯލު ކުޅެފައިވާ ރޯވިން އަކީ ވެސް އިލެކްޓްރިކަލް އިންޖިނިއަރިން ޑިގްރީއެއް އޮތް މީހެކެވެ. އޭނާ ޑިގްރީ ނިންމާފައިވަނީ އޮކްސްފޯޑްގެ ދަ ކުއީންސްގެ ކޮލެޖުންނެވެ.

އެކްޓަރެއްގެ އިތުރުން އިންސާނީ ޚިދުމަތުގައި މިއަދު އިންޑިއާގައި އެންމެ ނަން ހިނގާ ސޯނޫ ސޫދަކީ ވެސް ޑިގްރީ ނަގާފައިވާ މީހެކެވެ. ކޯވިޑް-19ގައި އިންޑިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި ރެއާ ދުވާލު އުޅެމުންދާ ސޯނޫގެ އަތުގައި އިލެކްޓްރޯނިކްސް އިންޖިނިއަރިން ޑިގްރީއެއް އެބައޮތެވެ.

ކުޅިވަރު ކުޅެނީ ވެސް ސްކޫލްތަކުގައި އުޅޭ ކިޔެވުމަށް ދަށް ކުދިން ކަމަށް ބުނެ އުޅުނު ޒަމާން ހިނގައްޖެ އެވެ. މިހާރު ކިޔެވުމަށް މޮޅު ކުދިން ވެސް ކުޅިވަރުގެ މައިދާނުގައި ވެސް ކުރި ހޯދަ އެވެ. އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު އަނިލް ކުމްބްލޭ އަކީ ވެސް ޑިގްރީ ނަގާފައިވާ މީހެކެވެ. އޭނާގެ އަތުގައި މެކެނިކަލް އިންޖިނިއަރިންގެ ބީއީ ޑިގްރީއެއް އޮވެ އެވެ.

ބޮލީވުޑް މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ކޮމްޕޯސާ ޝަންކަރް މަހާދޭވަން އަކީ ވެސް ތައުލީމީ މީހެކެވެ. ކޮމްޕިއުޓަ ސައިންސާއި ސޮފްޓްވެއާ އިންޖިނިއަރިން ޑިގްރީއެއް ޝަންކަރް ހާސިލުކޮށްފައި ވެއެވެ.

"2 ސްޓޭޓްސް" އަދި "3 އިޑިއަޓްސް" ފަދަ ރީތި ފިލްމުތަކުގެ ވާހަކަތައް ލިޔެފައިވާ ލިޔުންތެރިޔާ ޗޭތަން ބަގަތު އަކީ ވެސް ޑިގްރީ ހޯލްޑަރެކެވެ. މެކެނިކަލް އިންޖިނިއަރިން ޑިގްރީއެއް ދިއްލީގެ ކޮލެޖަކުން އަދި އަހުމަދުއާބާދުގެ ޔުނިވަސިޓީ އަކުން އެމްބީއޭ ޑިގްރީއެއް ޗޭތަން ފުރިހަމަކޮށްފައި ވެއެވެ.