މެސީ

މެސީގެ ދިފާއުގައި ކޫމަން ނުކުމެއްޖެ

ޗެމްޕިއަންސް ލީގްގައި ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ 93 ވަނަ މިނެޓްގައި ކެޕްޓަން ލިއޮނެލް މެސީ ދަނޑުމަތީގައި ހިނގާލަފައި އުޅޭ މަންޒަރު ފެނުނު ވީޑިއޯއަށް ފާޑުކިޔައި މެސީގެ ދިފާއުގައި ބާސެލޯނާގެ ކޯޗް ރޮނަލްޑް ކޫމަން ނުކުމެއްޖެ އެވެ.

މި ސީޒަންގައި މިހާތަނަށް އޯޕަން ޕްލޭއިން މެސީއަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް މެސީ އާ މެދު އޭނާގެ ކޯޗް ކޫމަންގެ ކަންބޮޑު ވުމެއް ނެތެވެ. ޗެމްޕިއަންސް ލީގްގައި އެންމެ ފަހުން ކުޅުނު މެޗުގެ 93 ވަނަ މިނެޓްގައި ދަނޑުމަތީގައި މެސީ ހިނގާލާފައި އުޅުނު މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

"ކަލޭމެންނަށް ލިބިދާނެ މަންޒަރެއް ކުޅުންތެރިޔަކު މެޗުގައި ހިނާގާލާފައި އުޅޭތަން،" ސޯޝަލް މީޑިއާގައި ދައުރުވި މެސީގެ ވީޑިއޯއަށް އިޝާރާތްކޮށް ކޫމަން ވާހަކަ ދެއްކި އެވެ.

"އަހަންނެއް އެ މަންޒެއް ނުދެކެން އަދި އެއީ އަހަރެން ޝައުގުވެރިވާ ކަންކަމެއްވެސް ނުން. އަހަރެންގެ ނަޒަރުގައި އޭނާގެ އެޓިޓިޔުޑް ވަރަށް ރަނގަޅު. ސުވާލުތަކެއް އުފައްދާ ކަންކަމަށް އަހަރެން ޝައުގެއް ނެތް."

"ޓީމު 2-1 އިން މޮޅު ވެފައި އޮންނަ އިރު 93 ވަނަ މިނެޓްގައި އޭނާ ހިނގާލާފައި އުޅުނު ވަގުތުގައި ... އޭނާ ކުރި މަސައްކަތަށް ވުރެ ކަލޭމެން [ނޫސްވެރިން] ޝައުގުވެރިވީ އޭނާ ހިނގާލަފަ އުޅުނު މަންޒަރަށް. އަހަންނަކަށް ތިކަހަލަ ކަންކަމަކަށް އެއްބަހެއް ނުވެވޭނެ."

ކޫމަން ބުނީ، އެޓޭކިންގެ ކޮންމެ މަގާމަކަށް މެސީ ކުޅުނު ނަމަވެސް ޓީމު އެޓޭކުތަކުގައި މެސީގެ މުހިންމު ދައުރެއް ފެނިގެންދާ ކަމަށެވެ.

ލަލީގާގައި ބާސެލޯނާ މިރޭ ނުކުންނާނީ ރެއާލް ބެޓިސް އާ ދެކޮޅަށެވެ. މި މެޗު ހާއްސަވާ ސަބަބަކީ ބެޓިސްގެ ތަޖުރިބާކާރު ވިންގާ ހޯކިން ސަންޗޭޒް އާއި ކޫމަންގެ ކުރިމަތިލުމަކަށް ވުމެވެ. ވެލެންސިއާގެ ކޯޗްގެ ގޮތުގައި 2007/08 ސީޒަންގައި ކޫމަން މަސައްކަތް ކުރިއިރު ހޯކިން ސަންޗޭޒް އަކީ އޭރު ވެލެންސިއާގެ ކުޅުންތެރިޔެކެވެ. އޭރު ކޫމަން އާއި ސަންޗޭޒް އާ މައްސަލަ ޖެހި ގިނަ ކަންކަމެއް ހިނގި އެވެ.

މިހާރު އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް ކޫމަންގެ ޝައުގުވެރި ކަމެއް ނެތެވެ. ކޭމްޕްނޯގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން 8:15 ގަ އެވެ.