މެންޗެސްޓާ ޔުނައިޓެޑް

އެވަޓަން ބަލިކޮށް ސޮލްޝަޔާގެ ވަޒީފާ ޔަގީންކޮށްފި

އެވަޓަންގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ސަލާމަތް ވެއްޖެ އެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުގައި، އާސެނަލް އާއި އިސްތަންބޫލް ބަޝްކްޝިއާ އާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވުމުން، ސޮލްޝަޔާގެ މަގާމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔައީ، ޔުނައިޓެޑްގެ ކޯޗްގެ މަގާމުން ސޮލްޝަޔާ ވަކިކޮށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ހަމަޖައްސަން އުޅޭ ވާހަކަ އެވެ. އަދި އެވަޓަން މެޗުގެ ނަތީޖާ ރަނގަޅު ނުވެއްޖެނަމަ ނޯވޭއަށް ނިސްބަތްވާ ކޯޗްގެ މަގާމު ގެއްލޭނެ ކަމުގެ ވާހަކަތައްވެސް ދައުރުވި އެވެ.

އެވަޓަންގެ ގޫޑިސަންޕާކުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ އެޓަންއިން ލީޑް ނަގާފައި ވަނިކޮށް ފަހަތުން އަރަރި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. މެޗުގެ 19 ވަނަ މިނެޓްގައި އެވަޓަންގެ ލަނޑު ކާމިޔާބު ކުރީ ބާނާޑް އަނީސިއޯ އެވެ. މެޗުގައި ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ބުރުނޯ ފެނާންޑޭޒް އެވެ. އޭނާ ވަނީ ދެ ލަނޑު ޖަހައި ތިން ވަނަ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

އެވަޓަންއިން ލީޑް ނެގިތާ ހަ މިނެޓް ފަހުން ލޫކް ޝޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ފެނާންޑޭޒް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ 32 ވަނަ މިނެޓްގައި ފެނާންޑޭޒް ވަނީ ޔުނައިޓެޑަށް ލީޑް ނަގައިދީފަ އެވެ. އޭނާ ލަނޑު ޖެހީ މާކޯސް ރަޝްފާޑް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ދެ ވަނަ ހާފުގެ ފަހު ކޮޅުގައި އެޑިންސަން ކަވާނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ފެނާންޑޭޒް ދިން ފުރުސަތުން ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.