ހަކީމް ޒިޔެޝްގެ ބޮޑު ހިއްސާއާއެކު ޗެލްސީން 3-1 ން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ތިން ވަނައަށް ޖެހިލައިފި އެވެ.
ސީޒަނަށް އަގު ބޮޑު ޓްރާންސްފާތަކެއް ޗެލްސީން ހެދި ނަމަވެސް، ޒިޔެޝް ކުޅެން ނުކުތުމާ ހަމައަށް ޗެލްސީގެ ޓީމަށް އުނދަގޫ ކުރިމަތި ވި އެވެ. އަނިޔާއިން ރަނގަޅުވެ ޒިޔެޝް ކުޅެން ނުކުތް ހިސާބުން ޗެލްސީގެ ޓީމު ވެފައި ވަނީ ހުރިހާ ޑިޕާޓްމެންޓެއްގައި ވެސް އެކިއުރޭޓް ޓީމެއްގެ ގޮތުގަ އެވެ. މެޗުގެ ތެރެއަށް ޗެލްސީއަށް ރަނގަޅަށް ވަދެވުމުގެ ކުރިން ނުވަ ވަނަ މިނެޓްގައި ޑޭވިޑް މެކްގޯލްޑްރިކް ޝެފީލްޑް ޔުނައިޓެޑަށް ލީޑް ނަގައިދިނެވެ. އެއީ ތިން މެޗަށް ފަހު ޗެލްސީގެ ކީޕަރު އެޑްއާޑް މެންޑީ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.
ޗެލްސީގެ ފުރަތަމަ ލަނޑު ކޮވަސިޗް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ޓަމީ އަބްރަހަމް އެވެ. އެ ބޯޅައިގެ ބިލްޑްއަޕްގައި ކޮވަސިޗަށް މުހިންމު ވަގުތުގައި ޒިޔެޝް ދިން ޕާސް ފާހަގަ ކުރަން ޖެހެ އެވެ. ޗެލްސީގެ ފުރަތަމަ ތިން ލަނޑުގައި އޭނާގެ ހިއްސާ އޮތްއިރު ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑަކީ އޭނާ ދިން އެސިސްޓް ތަކުން ޖެހި ލަނޑެވެ. މެޗުގެ 34 ވަނަ މިނެޓްގައި ޗެލްސީން ލީޑް ނެގީ ޝެފީލްޑްގެ ހާފު މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުން ޒިޔެޝް އޭރިއާގެ ތެރެއަށް ނަގައިދިނުމުން ބެން ޗިލްވެލް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޗެލްސީގެ އަނެއް ލަނޑު ތިއާގޯ ސިލްވާ ކާމިޔާބު ކުރީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ޒިޔެޝް ނަގައިދިނުމުން ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެއީ ޗެލްސީގެ ޖޯޒީގައި ސިލްވާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނީ، ޒިޔެޝް އަކީ "ޓޮޕް ކްލާސް" ކުޅުންތެރިޔެއް ކަމަށެވެ. ޗެލްސީގެ ހަތަރު ވަނަ ލަނޑު ޓިމޯ ވާނާ ކާމިޔާބު ކުރީ، އެންގޯލާ ކަންޓޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެފައިވާ ލެސްޓާ ސިޓީއަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެވަރަށެވެ. ޗެލްސީއަށް ކުރި ލިބެނީ ފައިދާ ގޯލުން ކުރީގައި އޮތުމުންނެވެ.
ރޭ ކްރިސްޓަލް ޕެލަސް އާއި ލީޑްސް ޔުނައިޓެޑް ކުޅުނު މެޗު ޕެލަސް ކާމިޔާބު ކުރީ 4-1 ންނެވެ.