ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ދިގު މީހާ ދިގުކަމުން ކައިވެނި ނުކުރެވިފައި

ދަރުމެންދުރަ ޕްރަތާޕް ސިންގް އަކީ އިންޑިޔާގައި މިހާރު ހުރި އެންމެ ދިގު މީހާ ކަމަށް ރެކޯޑް ފޮތްތަކުގައި ލިޔެފައި ވެއެވެ. ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް ފޮތުގައި ވެސް މިވަގުތު ދުނިޔޭގައި ހުރި އެންމެ ދިގު މީހެއްގެ ގޮތުގައި މިހާރު ލިޔެފައިވަނީ މި މީހާގެ ނަމެވެ. އެ ފޮތުގައިވާ ގޮތުން ދަރުމެންދުރަގެ މިހާރުގެ އިސްކޮޅަކީ އަށް ފޫޓު ދެ އިންޗި އެވެ. މިހާ ދިގު ވުމަކީ ދަރުމެންދުރައަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ.

އޭނާ އެންމެ ދެރަވަނީ 45 އަހަރު ވީއިރުވެސް އަންބަކު ނެތީމަ އެވެ.

ދަރުމެންދުރަ ބުނި ގޮތުގައި އޭނާއާ ކައިވެނި ކުރާނެ މީހަކު ވޭތޯ އާއިލާގެ މީހުން ވެސް ވަރަށް މަސައްކަތް ކޮށްފި އެވެ. ނަމަވެސް އެ މީހުން ހޯދި އެއްވެސް މީހަކު ވެސް އޭނާއާ ކައިވެނިކުރާކަށް އެއްބަހެއް ނުވެ އެވެ.

"އަންހެންކުދިން އަހަރެން ފެނުމާއެކު ކައިވެނި ކުރަން ދެކޮޅު ހަދާ. އުމުރުން ދުވަސްވާ ވަރަކަށް ހަޔާތުގެ ބައިވެރިޔެއްގެ މުހިއްމުކަން އަހަންނަށް ދަނީ ބޮޑުވަމުން،" އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ވަރަށް ދެރަވެލާފައި ދަރުމެންދުރަ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާރު ދެން ކައިވެންޏެއް ކޮށް އަމިއްލަ އާއިލާއަކާ އެކު ދިރިއުޅެވޭނެ ކަމުގެ އުންމީދު އޭނާ ވަނީ ކަނޑާލާފަ އެވެ.

ޕްރަތާޕްގަޅް ކިޔާ ރަށެއްގައި ދިރިއުޅޭ ދަރުމެންދުރަގެ އަވަށުގައި އޭނާއަށް މަޝްހޫރުކަން ލިބިފައިވަނީ އިސްކޮޅުގެ ސަބަބުންނެވެ.

އިންޑިޔާގައި އިންތިޚާބު އޮތް ދުވަސްވަރު ސިޔާސީ ޕާޓީއެއް ކަމަށްވާ ސަމާޖްވާދީ ޕާޓީގެ ކެމްޕެއިންގައި ވެސް އޭނާ ބައިވެރިކުރި އެވެ. ސަބަބަކީ އޭނާ ދާ ތަންތަނަށް އޭނާ ދެކިލަން ދާ މީހުން ގިނަ ކަމުންނެވެ. ދަރުމެންދުރަގެ އަތުގައި މާސްޓާޒް ޑިގްރީއެއް އެބައޮތެވެ. އަދި މުމްބައި އާއި ދިއްލީ ފަދަ ރަށްތަކަށް ގޮސް އޭނާ އާމްދަނީ ހޯދަން އެކި މަސައްކަތްތައް ކޮށް އުޅެ އެވެ.

"މީހުން އަހަންނާއެކު ސެލްފީ ނަގާފައި ވެސް ފައިސާ އާއި ހަދިޔާ ދޭ. ޓޫރިސްޓުން ގިނައިން ދާ ތަންތަނަށް ވެސް އަހަރެން ވަރަށް ގިނައިން ދަން. އެމީހުންވެސް އަހަރެން ފެނުނީމަ ވަރަށް އުފާވެގެން ކައިރިއަށް އައިސް ސަލާންކޮށް ފޮޓޯ ނަގާ ހަދާނެ އަހަންނާއެކު. ނަމަވެސް ލޮކްޑައުންގެ ސަބަބުން ދަތުރުކޮށް ތަންތަނަށް ނުދެވި އަހަރެން ވެސް މި ވަނީ ވަރަށް އަތްމަތި ދަތިވެފައި،" ދަރުމެންދުރަ ބުންޏެވެ.

އެހާ ދިގުވީމަ ދަރުމެންދުރަ އަށް އާތުރައިޓިސްގެ މައްސަލަ ވެސް ވަރަށް ބޮޑުވެފައި ވެއެވެ. އާތުރައިޓިސްގެ ސަބަބުން ރިއްސާތީ ނުހިނގިގެން މިދިޔަ އަހަރު އޭނާ ވަނީ ހިޕް ރިޕްލޭސްމަންޓް ސާޖަރީއެއް ވެސް ހަދާފަ އެވެ.
އަނެއްކޮޅުން އޭނާ ވަރުގެ ދިގު މީހަކަށް ބޭސް ފަރުވާ ކުރުމަކީ ހޮސްޕިޓަލުތަކަށް ވެސް ބޮޑު ގޮންޖެހުމަކަށް ވެއެވެ. އޭނާ އެޑްމިޓްކޮށްފައި ބާއްވާ އެނދުން ފެށިގެން އޮޕަރޭޝަން ތިއޭޓަރުގައި އޮންނަ މޭޒު ވެސް އޭނާއަށް ހެޔޮވަރު ސައިޒަށް ބަދަލުކުރަން ޖެހޭތީ އެވެ. އަދި ހިޕް ރިޕްލޭސްމަންޓަށް އޭނާ އަށް ހޯދަން ޖެހުނު ބައި ވެސް އެއްގޮތަކަށް ވެސް ނުލިބިގެން އެ ވެސް ޖެހުނީ އޭނާގެ މިންތައް ފޮނުވައިގެން ތައްޔާރުކުރާށެވެ.

އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުން އެދި އެހިސާބުގެ ޗީފް މިނިސްޓަރަށް ވެސް ދަރުމެންދުރަ މިހާރު ވަނީ ސިޓީ ފޮނުވާފަ އެވެ.

"އަހަންނަކަށް އެއްވެސް އޮފީސް ބިލްޑިންގަކަށް ނުވަދެވޭ ދިގުކަމުން. އެހެންވެ އެއްވެސް ތަނެއްގައި ވަޒީފާއެއް އަދާކުރާކަށް ފަސޭހައެއް ނޫން. އެހެންވެ އަހަންނާ އެކަށީގެންވާ ކަހަލަ ވަޒީފާއެއް ހަމަޖެހޭތޯ ސިޓީ ފޮނުވީ" ދަރުމެންދުރަ ބުންޏެވެ.