އިލެކްޝަންސް ކޮމިޝަން

އިދިކޮޅުގެ ކަންބޮޑުވުމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރާނަން: އީސީ

އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ޕީއެންސީން ހުށައެޅި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ

ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވާތީ އާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް އިދިކޮޅު ދެ ޕާޓީއަށް ހުރަސްތަކެއް ކުރިމަތިކޮށްފައިވާ ކަމަށް ބުނެ އެ ކަންބޮޑުވުންތަކާއެކު އެ ދެ ޕާޓީގެ އިސްވެރިން ވަނީ މިއަދު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލްކުރައްވާފައެވެ.

އީސީގެ އިސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގާނޫނީ ގޮތުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ މިހާތަނަށް ޕީޕީއެމަށް ދީފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އެ ފައިސާ ވީހާ ވެސް އަވަހަކަށް ލިބޭނެ ގޮތް ހަދައިދޭން އެދިފައިވާނެ ކަމަށާއި އެ ފައިސާ ނުލިބޭތީ ޕާޓީގެ ހަރަކާތް ހިންގުމަށާއި އިންތިޒާމު ކުރާ ކަންކަން ހިންގަން ދަތިވެފައިވާ ކަމަށެވެ.

"ކައުންސިލް އިންތިހާބު މިއޮތީ ބޯމަތިވެފައި. އޮތް އިރު އަޅުގަނޑުމެންނަކަށް ފުރުސަތެއް ނުލިބޭ ހަމަހަމަކަމާއެކު ކަންކަން ހިންގާކަށް. ސިޔާސީ ޕާޓިތަކަށް ނެތް އެއްވެސް ވަރަކަށް ހަމަހަމަ ކަމެއް. މިއަދުގެ ބައްދަލުވުމުން އެނގިގެންދިޔަ މާޗް މަހުގަ އިންތިހާބު ބާއްވަން އެބޭފުޅުން މަސައްކަތް ކުރައްވާ ކަން. އެކަމަކު ކެމްޕޭން ކުރުމަށް ވެސް އެއްވެސް ފުރުސަތެއް ނެތް. އެކަމަކު ސަރުކާރުގެ އެކި ހަރަކާތްތައް ހިންގުމަށް ކަމަށް ބުނެ އެމްޑީޕީން ފޯރީގައި ދަނީ ކެމްޕޭން ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލްވުމުގެ ފޮޓޯތަކަކާއެކު އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއް ރިޓްވީޓް ކުރައްވާ ޝަރީފް ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީން ހުށައެޅި ކަންކަމަށް ހައްލެއް ލިބޭތޯ އިލެކްޝަނުން މަސައްކަތް ކުރާނެ ކަމަށެވެ.