އިލެކްޝަންސް ކޮމިޝަން

އިދިކޮޅު އެއްވުމަށް ޖަވާބުދާރީވާން ޖެހޭނެ: އީސީ

އެއްވުން މަނާކޮށްފައިވަނިކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ އެއްވުމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެ އެވެ.

"މަގޭ ފްލެޓް ކޮބާ" ނަމުގައި މިއަދު ހަވީރު މާލޭގައި ވަނީ ހިނގާލުމެއް ބާއްވާފައެވެ. ގިނަ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ހިނގާލުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން ހަމަނުޖެހުންވެސް ހިނގާފައިވެއެވެ. ހަމަނުޖެހުންތަކުގައި ފުލުހަކާއި އާންމުންނަށްވެސް އަނިޔާވިއެވެ. ފުލުހުން ވަނީ އާންމުންގެ މޫނަށް ޕެޕާސްޕްރޭ ޖަހާ ބާރުގެ ބޭނުން ކޮށްފައެވެ.

އިދިކޮޅު ހިނގާލުމުގެ މަންޒަރު ފެންނަ ވީޑިއޯއަކާއެކު ޝަރީފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުންވެސް އެޗްޕީއޭއިން އިއުލާނު ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

"މި ކްލިޕް [ވީޑިއޯކޮޅު] އިން މި ފެންނަ މަންޒަރުތަކަށް މިކަން އިންތިޒާމު ކުރި ޕާޓީއަކުން ޖަވާބުދާރީވާން ޖެހޭނެ،" ދުރާލާ އިއުލާނުކޮށްގެން އިދިކޮޅު ދެ ޕާޓީން ބޭއްވި ހިނގާލުމަށް އަމާޒު ކުރައްވާ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ޓްވީޓް ކުރެއްވި ވީޑިއޯ ކޮޅުގައި ފެންނަނީ އިދިކޮޅުގެ ސަޕޯޓަރުން ފުލުހުންގެ ސަފުތައް ފަޅާލާ ކުރިއަށްދާ މަންޒަރެވެ.

މިއަދުގެ ހިނގާލުމަށްފަހު ޕީޕީއެމް ކުރިމަތީ އިދިކޮޅުގެ އެކްޓިން ލީޑަރު ވަނީ ހިނގާލުމުގެ ބައިވެރިންނާއި ވާހަކަދައްކަވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރެވޭނީ އަދި ރައްޔިތުންގެ ހައްގުތައް މިއަދު ހޯދެން އޮތީ މަގުމަތިން ކަމަަށެވެ.

އިދިކޮޅުގެ އިސް ބޭފުޅުން ވަނީ އިހުތިޖާޖުތަކާއި އެއްވުންތައް ސިލްސިިލާކޮށް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.