އިލެކްޝަންސް ކޮމިޝަން

"އީސީން ކަމެއް ކޮށްދީގެން އިންތިހާބުން މޮޅެއް ނުވާނެ"

އިންތިހާބު ކާމިޔާބުވާނީ ވޯޓްގެ ނަތީޖާއިން ކަމަށާ އިލެކްޝަންސް ކޮމިޝަން އިން ކަމެއް ކޮށްދީގެން ވޯޓުން މޮޅު ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީއަށް ކައުންސިލް އިންތިހާބު ކާމިޔާބު ކޮށްދޭން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރުމުންނެވެ. އިދިކޮޅު ކޯލިޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިހާބަށް ހަމަހަމަ ފުރުސަތެއް ނެތް ކަމަށާ ނަމަަވެސް އިލެކްޝަންސް ކޮމިޝަން އޮތީ ހިމޭނުން ކަމަށެވެ.

ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށާ އެއީ ވަޒީފާގެ ބިރަށް ކުރަމުންދާ ކަމެއް ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އެކަމަށް އިޝާރާތް ކުރައްވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު ކާމިޔާބުވާނީ ވޯޓްގެ ނަތީޖާއިން ކަމަށެވެ. އެއީ އިލެކްޝަންސް ކޮމިޝަނުން ކަމެއް ކޮށް ދީގެން ވާ ކަމެއް ނޫން ކަމަށާ އެއީ ކުރިންވެސް އަދި މިހާރުވެސް އެކަން އޮތް ގޮތް ކަމަށެވެ.

"ރައްކާތެރިވެ ތިއްބަވާ ކެންޕެއިން ކުރައްވާ. އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލުވެދާނެ،" ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވެސް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ދިނުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.