ހަބަރު

އެމްޑީޕީން އެޗްއާރްސީއެމްގެ ނައިބު ރައީސާ ބައްދަލުކޮށްފި

ރާއްޖޭގައި ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގައި ހުރި ކަންބޮޑުވުންތަށް ހިއްސާ ކުރަން އެމްޑީޕީ އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ނައިބު ރައީސް ޝިފާގު މުފީދާ ބައްދަލުކޮށްފި އެވެ.

އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މިއަދު އެޗްއާރްސީއެމް އަށް ވަޑައިގެން ހިޔާލު ފާޅުކުރުމަށާއި އެއްވެ އުޅުމުގައި ހުރި ކަންބޮޑުވުންތަކާއި ބެހޭގޮތުން އެޗްއާރްސީއެމްގެ ނައިބް ރައީސާ ހިއްސާ ކުރެއްވެވި އެވެ. އަދި މިކަމާ ގުޅޭގޮތުން ޝިފާގް ވަނީ ހިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ ހައްގު ބޭނުންކުރުމުގައި ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ސުލްހަވެރިކަމާއެކު އެންމެހައި ފަރާތްތަކުގެ އަމަލުތައް ބެހެއްޓުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކާފަ އެވެ.

އެމްޑީޕީއިން ހިޔާލު ފާޅުކުރުމައި އެއްވެ އުޅުމުގައި އެފަރާތުގެ ހުރި ކަނބޮޑުވުން ތަކާއި ބެހޭގޮތުން އެޗްއާރްސީއެމްއަށް ހިއްސާކުރައްވާފައިވާ އިރު އެޕާޓީއިން މިއަދު ވަނީ ރޭ ބޭއްވި އެއްވުން ރޫޅައިލީ ގަވައިދާ ހިލާފަށް ކަމަށް ބުނެފަ އެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސް ޝިފާގަކީ ކުރިން އެމްޑީޕީގެ މެންބަރަކެވެ. އަދި އެ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިިލީހަށް ހޮވި ވަޑައިގެންނެވި ބޭފުޅެއްވެސް މެއެވެ.