ބޮލީވުޑް

ރާޖްކުމާރު ރާއޯ: ބޮލީވުޑަށް ވަނުމުގެ ކުރިން ޑްރާމާ ޓީޗަރެއް

އެކްޓަރު ރާޖްކުމާރު ރާއޯ އަކީ އޭނާގެ އެކްޓިން ހުނަރުގެ ސަބަބުން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރެކެވެ. ބޮލިވުޑާ އެއްވެސް ގުޅުމެއްނެތް މީހަކަށް ވިޔަސް ފިލްމު އިންޑަސްޓްރީގައި އޭނާއަށް މިހާރު ވަރަށް ރަނގަޅު މަގާމަށް އާދެވިފައިވަނީ އޭނާގެ ވަރުގެ ހުނަރުވެރިން މަދުވީމަ އެވެ.

ރާޖްކުމާރުގެ އާ ފިލްމު "ޗަލާންގް"ގެ ޕްރޮމޯޝަންގައި އުޅެމުން އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނީ ފިލްމު ކުޅެން ފެށުމުގެ ކުރިން އޭނާ އުޅުނީ ގުރުގާއޯން ކިޔާ ރަށެއްގެ ސްކޫލެއްގެ ޑްރާމާ ޓީޗަރަކަށެވެ.
"ކޮލެޖުގައި ކިޔެވިއިރު އަހަރެންގެ ގިނަ އެކުވެރިން ޕޮކެޓް މަނީގެ އިތުރުން ފައިސާ ހޯދުމަށް ކޯލް ސެންޓަރުގައި ވަޒީފާ އަދާކުރަމުން ދިޔަ. އަހަރެންނަކީ ވާހަކަ ދައްކަން އެހާ މޮޅުމީހަކަށް ނުވާތީ އެކަން ކުރާހިތެއް އަހަރެން ނުވި. ނަމަވެސް ކޮލެޖުގެ ދެ ވަނަ އަހަރު އަހަރެން ވެސް އިތުރު ފައިސާކޮޅެއް ހޯދުމުގެ ބޭނުމުގައި ސްކޫލެއްގެ ޑްރާމާ ޓީޗަރެއްގެ ވަޒީފާ އަށް ދިޔައީ،" ރާޖްކުމާރު ބުންޏެވެ.

އެ ސްކޫލްގައި އޭނާ މަސައްކަތްކުރީ އެންމެ ތިން ވަރަކަށް މަސް ދުވަހު އެވެ. ކިޔެވުން ބުރަވެގެން އެ ވަޒީފާގައި މާ ގިނަ ދުވަހު ނޫޅެވުނީ އެވެ.

"އަހަރެން އެ ސްކޫލުގައި މަސައްކަތްކުރި ދުވަސްކޮޅު ކުދިން އަހަރެން ދެކެ ވަރަށް ލޯބިވި. އެއީ އެ ކުދިންނާ އަހަރެންގެ އުމުރުގައި މާ ބޮޑު ތަފާތެއް ނެތީމަ ޚިޔާލު ވަރަށް އެއްގޮތްވީމަ. އެހެންވެ އެކުދިން އަހަރެން ބެލީ އެކުވެރިއެއްގެ ގޮތުގައި،" ރާޖްކުމާރު ބުންޏެވެ.

ކަން ދިމާކުރި ގޮތުން "ޗަލާންގް"ގައި ވެސް ރާޖްކުމާރު ކުޅެނީ ފިޒިކަލް އެޑިޔުކޭޝަން ޓީޗަރެއްގެ ރޯލެވެ.
މިމަހުގެ 13 ވަނަ ދުވަހު އެމެޒޯން ޕްރައިމް ޓައިމްގައި ރިލީޒްކުރާ "ޗަލާންގް" ޑައިރެކްޓްކޮށްފައިވަނީ ހަންސަލް މެހެތާ އެވެ. ބަތަލާ އަކީ ނުޝްރަތު ބަރޫޗާ އެވެ.