ބޮލީވުޑް

ރަންވީރުގެ "83" ރިލީޒް ކުރުން އަންނަ އަހަރަށް

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި ހިންދީ ފިލްމުތައް ރިލީޒް ނުކުރެވި އަށެއްކަ މަސް ވަނީ ފާއިތުވެފަ އެވެ. އެތައް މަހަކަށްފަހު އިންޑިޔާގެ ސިނަމާތައް މިދިޔަހަފުތާގައި ހުޅުވުމާއެކު، ލޮކްޑައުން ކުރިއިރު ނިމި ރިލީޒްކުރަން ތައްޔާރުވެފައިވާ ބައެއް ފިލްމުތައް މިހާރު ރިލީޒްކުރާނެ ތާރީޚުތައް ދަނީ އިއުލާން ކުރަމުންނެވެ.

ކުރިން ބެލެވިފައި އޮތީ އެންމެ އަވަހަށް ރިލީޒްކުރާ ފިލްމުތަކުގެ ތެރޭގައި ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ "83" ހިމެނޭނެ ކަމަށެވެ. ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ އިންޑިޔާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔެއް ކަމަށްވާ ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމު ބޮޑަށް ބިނާކޮށްފައިވަނީ 1983 ގައި އިންޑިޔާ އިން ކްރިކެޓް ވޯލްޑްކަޕް ކާމިޔާބު ކުރިއިރުވެސް ހާދިސާ ތަކެއްގެ މައްޗަށެވެ.

އެންމެ ކުރިން ފިލްމު ރިލީޒްކުރަން އޮތީ މިދިޔަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް އިންޑިޔާގެ ސިނަމާތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާފައިވަނީ އޮކްޓޯބަރު ނިމެނިކޮށެވެ. ވީމާ އެންމެ ލަސް ވެގެން ވެސް ޑިސެމްބަރު މަހު ފަހުކޮޅު މި ފިލްމު އަޅުވާނެކަމަށް ގިނަ ބަޔަކު ތިބީ އުންމީދު ކޮށްގެންނެވެ.

ނަމަވެސް ފިލްމު ޕްރޮޑިއުސްކުރި ރިލަޔަންސް އެންޓަޓައިންމަންޓްގެ ސީއީއޯ ޝިބާސިޝް ސަރްކާރް ބުނި ގޮތުގައި ޑިސެމްބަރުގައި ވެސް އެ ފިލްމު ރިލީޒް ކުރެވޭކަށް ނެތެވެ. ސަބަބަކީ ފިލްމު ރިލީޒްކުރުމުގެ ކުރިން ވަރުގަދަ ޕްރޮމޯޝަން ކެމްޕެއިނެއް ހިންގަން ޖެހޭތީ މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ކުރެވެން ނެތީމަ އެވެ. އަދި ބޭރުގެ މާކެޓްތައް މިފަދަ މިފަދަ ފިލްމަކަށް މުހިއްމު ކަމަށާއި އަދި ގިނަ ގައުމުތަކުގައި ސިނަމާތައް ނުހުޅުވާތީ ބޭރުގެ މާކެޓްތަކުން ވެސް އަދި މާ ބޮޑު އެއްޗެއް ލިބޭނެ ކަމަށް އަދި ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

އަކްޝޭ ކުމާރާއި ކެޓުރީނާ ކައިފްގެ "ސޫރިޔަވަންޝީ"އަކީ ވެސް ރިޔަލަންސްގެ ހިއްސާ އޮވެގެން ޕްރޮޑިއުސްކުރި ފިލްމެކެވެ. ވީމާ އެ ދެ ފިލްމު މިހާރު އަޅުވަން ރާވަމުންދަނީ ޖެނުއަރީ އާއި މާޗް އާ ދެމެދުގެ ތާރީޚުތަކެއްގައި ކަމަށް ސީއީއޯ ބުންޏެވެ.

މި ދެ ފިލްމު އޯޓީޓީ ޕްލެޓްފޯމެއްގައި ރިލީޒްކޮށްފާނެ ކަމުގެ އަޑުތަކެއް ވެސް ވަރަށް ފަހުން ފެތުރުނެވެ. ނަމަވެސް ސީއީއޯ ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ. ކޮންމެ ގޮތެއް ވިޔަސް ފިލްމުތައް ރިލީޒްކުރާނީ ސިނަމާތަކުގައި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެމީހުން ތިބީ އެއްވެސް ހާލެއްގައި އޮންލައިންކޮށް ފިލްމުތައް ރިލީޒްކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ.

ސިނަމާތައް ހުޅުވި ފަހުން އަލަށް ރިލީޒްކުރާ ފުރަތަމަ ފިލްމަކީ "ސޫރަޖް ޕޭ މަންގަލް ބާރީ" އެވެ. ދިލްޖީތު ދޮސާންޖް، މަނޯޖް ބަޖްޕާއީ، ފާތިމާ ސަނާ ޝޭޚް ލީޑް ރޯލުތައް ކުޅެފައިވާ މި ފިލްމު ނޮވެމްބަރު 13 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ވަނީ ހަމަޖެހިފަ އެވެ.