ލައިފްސްޓައިލް

14 ފިރިހެން ދަރިންނަށްފަހު އެންމެ ފަހުން އަންހެން ދަރިއެއް

އަލަށް އުފަންވާ ތުއްތު ކުއްޖަކަށް މަރުހަބާ ކިޔުމަށްވުރެ އުފާވެރި އިހްސާސެއް އިންސާނަކަށް ކުރެވޭނެކަމެއް ނޭނގެ އެވެ. ޝްވަންޑްޓްސް އާއިލާ ވެސް މި ތަޖުރިބާ ކުރަމުންދަނީ އެމީހުންގެ ޓީންއޭޖް ދުވަސްވަރުން ފެށިގެންނެވެ.

މިހާތަނަށް ޝްވަންޑްޓްސްގެ ދެމަފިރިންނަށް ލިބުނީ ހުސް ފިރިހެން ދަރިންނެވެ. އަންހެން ދަރިއެއް ބޭނުންވެގެން ދަރިން ހޯދަމުން ހޯދަމުން ގޮސް 14 ފިރިހެން ދަރިން ލިބުނުއިރުވެސް އަންހެންދަރިއަކު ލިބޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން 45 އަހަރުގައި ޝްވަންޑްޓްސް އަށް އަންހެން ދަރިއަކު ވިހެއުމުގެ ނަސީބު ލިބިއްޖެ އެވެ.

މި ކުދިންގެ މަންނަ ކެޓްރީ ޝްވަންޑްޓްސް، 45، އެންމެ ފަހުން ވިހޭ ކުއްޖާއަށް ކީ މެގީ ޖޭން އެވެ.
ކެޓްރީ އާއި ފިރިމީހާ ޖޭ ޝްވަންޑްޓްސް ފުރަތަމަ ބައްދަލުވީ ފުރާވަރު އުމުރުގަ އެވެ. އަދި 1993 ގައި ދެ މީހުން ކައިވެނި ކުރީ އެވެ. ކޮލެޖުން ގްރެޖުއޭޓްވީއިރު ވެސް މި ދެމަފިރިންގެ ތިން ފިރިހެން ދަރިން ތިއްބެވެ.

ޖޭ ބުނި ގޮތުގައި އަންހެން ދަރިއަކު ނުލިބިގެން އޭނާ އާއި އަންހެނުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީމަ އެ އާއިލާއަށް ލިބިފައިވަނީ އާދަޔާޚިލާފު ބޮޑު އުފަލެކެވެ.
"ވިހި ވިއްސަކީ ވަރަށް ސަކަރާތް އަހަރެއްގެ ގޮތުގައި އެންމެން ސިފަ ކުރާއިރު އަހަރެމެންނަށް މި އަހަރު ވެފައިވަނީ ވަރަށް ނަސީބު ގަދަ އަހަރަކަށް،" ޖޭ ބުންޏެވެ.

މި ދެމަފިރިންގެ އެންމެ ދޮށީ ދަރިފުޅު ޓައިލާ ޝްވަންޑްޓްސް އަށް މިހާރު 28 އަހަރެވެ. އޭނާ ބުނި ގޮތުގައި އޭނާގެ މަންމަ ވިހާ ކޮންމެ ފަހަރަކު ފިރިހެން ކުއްޖަކު ލިބޭތީ އަންހެން ކުއްޖަކު ލިބިދާނެކަމާ މެދު އޭނާ ހުރީ މުޅިން އުންމީދު ކަނޑާލައިގެންނެވެ. ނަމަވެސް އަންހެންދަރިއަކު އެންމެ ފަހުން ލިބުނީމަ މައިންބަފައިންނަށް ލިބުނު އުފާވެރިކަމުން އޭނާ ވަރަށް ހިތްހަމަޖެހެ އެވެ.

ދެމަފިރިންގެ އެންމެ ހަގު ފިރިހެން ދަރިފުޅު އުފަންވީ 2018 ގެ އެޕްރީލްގަ އެވެ. ވަރަށް އުންމީދު ކޮށްގެން ހުއްޓާ އެ ފަހަރުވެސް ފިރިހެން ކުއްޖަކު ލިބުނީމަ ދެމަފިރިން އެ ކުއްޖާއަށް ކީ އެމީހުންގެ ހާލަތާ ގުޅޭ ވަރަށް މަޖާ ނަމެކެވެ. "ޝީބޯއިގޭން" އެވެ. "ޝީ އިޒް އަ ބޯއި އެގެއިން" ކުރުކޮށްލާފަ އެވެ.