ލައިފްސްޓައިލް

މީހެއްގެ ނޭވާ ހޮޅިން ދިރޭ މަހެއް!

މިސްރުގެ މީހެއްގެ ނޭވާ ހޮޅިން ދިރިދިރި އޮތް މަހެއް ނަގައިފި އެވެ. މިސުރުގެ ޑޮކްޓަރުންގެ ޓީމުން މި މަސް ނަގީ މަސްވެރިއެއްގެ ނޭވާ ހޮޅިން ކަމަށް މިސުރުގެ ނޫސްތަކުން ބުނެފައި ވެއެވެ.

ސާޅީސް އަހަރުގެ މި މީހާ އަކީ މިސުރުގެ ވެރިރަށް ގާހިރާގެ ދެކުނުން 110 ކިލޯމީޓަރު ދުރުގައި އޮންނަ ބެނީ ސިޔޫފް ކިޔާ ސިޓީއެއްގައި ދިރިއުޅޭ މީހެކެވެ. އެމީހާ އިމަޖެންސީކޮށް ހޮސްޕިޓަލަށް ގެނައީ ނޭވާ ލާން ދަތިވެ ވާހަކަ ވެސް ނުދެއްކިގެންނެވެ.

އެކްސްރޭ އާއި ސީޓީ ސްކޭނުން ޔަގީން ކުރެވުނީ އެމީހާގެ ނޭވާލާ ހޮޅީގައި މަހެއް ތާށިވެފައި އިން ކަމެވެ. ވަގުތުން މެޑިކަލް ޓީމުން ވަނީ ގެސްޓްރޮސްކޮޕީ ކިޔާ ސާޖަރީއެއް ހަދައިގެން މި މަސް އެމީހާގެ ނޭވާ ހޮޅީން ނަގައިދީ އެ މީހާގެ ފުރާނަ ސަލާމަތް ކޮށްދީފަ އެވެ.

މަސްވެރިޔާގެ ނޭވާ ހޮޅިއަށް ދިރޭ މަހެއް ދިޔަ ގޮތެއް ނޭނގިގެން ވަރަށް ގިނަ ބަޔަކު ހައިރާން ވެގެން އުޅުނެވެ. އެމީހާ ބުނީ އޭނާ މަސް ބާނަން އުޅުމުގެ ތެރޭގައި ދިމާވި ކަމަކުން މަސް ނޭވާ ހޮޅިއަށް ދާ ގޮތް ވީ ކަމަށެވެ. އެމީހާ ކިޔައިދިން ގޮތުގައި އޭނާއަށް ހިފުނު މަހެއް ދަތްތަކުން ހިފެހެއްޓީ އެހެން މަހެއް ބާނަން ދެ އަތް ސަލާމަތް ކުރުމަށެވެ. މިގޮތަށް ދަތްތަކުން ހިފަހައްޓައިގެން ހުއްޓާ މަސް ތެޅިގަތް ބުރައިގައި އޭނާގެ އަނގަ ތެރެއަށް ވަދެގެން ނޭވާ ހޮޅިޔަށް ދިޔައީ އެވެ.

ޑޮކްޓަރުން އެ މަސް ނެގިއިރު ވެސް އޭތި އޮތީ ދިރިދިރި އެވެ. މަސް ނޭވާ ހޮޅީގައި ގިނައިރުތަކެއް ވަންދެން އޮތުމުގެ ސަބަބުން އެމީހާގެ ވިންޑްޕައިޕް އިންފެކްޓް ވެފައި ވާތީ މިހާރު އެމީހާ އޮތީ އައިސީޔޫގައި ކަމަށް ވެސް މިސުރުގެ ނޫހަކުން ބުނެފައި ވެއެވެ.