ހަބަރު

ސިފައިންގެ ތަމްރީނުތަކެއް މާފިލާފުއްޓާއި ގިރިފުށީގައި

ހަތިޔާރާއެކު ސިފައިންގެ އަސްކަރީ ތަަމްރީނުތަކެއް ޅ. މާފިލާފުއްޓާއި ކ. ގިރިފުށިގައި ހިންގަން ތައްޔާރުވެއްޖެ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށް މާފިލާފުށިގައި ތަމްރީނުތަކެއް ހިންގާނެ ކަމަށެވެ. އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކު ހަވީރު 6:00 އިން ދަންވަރު 1:00 އަށް ކަމަށެވެ.

އަދި އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ކޯހުގެ ފައިނަލް އެކްސަސައިޒް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހަށް މާފިލާފުށީގައި އޮންނާނެ އެވެ. މި ތަމްރީނުތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށެވެ.

މީގެ އިތުރުން ގިރިފުށިގައި ހިންގާ ތަމްރީނުތައް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހަށް ކޮންމެ ދުވަހަކު ހަވީރު 6:00 އިން ރޭގަނޑު 10:30 އަށް ކުރިއަށް ގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މިމަހުގެ 12 ވަނަ ދުވަހުން 15 ވަނަ ދުވަހަށް ހިންގާ ތަމްރީނުތަކުގައި ބޭނުންކުރަނީ އޭކޭ ސީރީޒް ރައިފަލެވެ. އަދި ވައިގެ ސަރަހައްދުގެ 2900 މީޓަރުގެ އުސްމިނާއި ދުރުމިން ބޭނުން ކުރާނެ އެވެ. ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ތިރި މިނަކީ ސީލެވެލް އެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ މާފިލާފުށީ ރޭންޖުން ހުޅަނގު ދެކުނެވެ.

މިމަހުގެ 17 ވަނަ ދުވަހުން 22 ވަނަ ދުވަހަށް މާފިލާފުށީގައި ހިންގާ ތަމްރީނުތަކުގައި މިނީ ފްލޭއާ، އަދި ޕެރަޝޫޓު ފްލޭއާ ބޭނުންކުރާނެ އެވެ. އަދި ވައިގެ ސަރައްދުގެ 200 މީޓަރު އުސްމިނާއި ދުރުމިން ބޭނުންކުރާ އިރު ވައިގެ ސަރަހައްފު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީލެވެލް އެވެ. ވައިގެ ސަރަހއްދު ބޭނުންކުރާ ޑައިރެކްޝަނަކީ މާފިލާފުއްޓާ ދިމާ މައްޗެވެ.

މީގެ އިތުރަށް ގިރިފުށީގައި ހިންގާ ތަމްރީނުތަކުގައި އޭކޭ ސީރީޒް ރައިފަލް ބޭނުންކުރާނެ އެވެ. ތަމްރީނުތަކުގައި ވައިގެ ސަރަހައްދުގެ 4100 މީޓަރު ދުރުމިން ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު ވައިގެ ސަރަހައްދު ބޭނުންކުރާ އެންމެ އުސްމިނަކީ 100 މީޓަރެވެ. އަދި ވައިގެ ސަރަހއްދު ބޭނުންކުރާނެ އެންމެ ތިރި މިނަކީ ސީލެވެލް އެވެ. މިތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ރޭންޖަކީ ގިރިފުށީ ރޭންޖުން ހުޅަނގު ދެކުނެވެ.

އެ ދުވަސްތަކުގައި އެ ސަރަހައްދުތަކުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓިން ވަނީ އިލްތިމާސްކޮށްފަ އެވެ.