އެމްއެންޑީއެފް

ހުޅުމާލޭގައި ވެސް ސިފައިންގެ ތަމުރީނެއް

ހަތިޔާރާއެކު ސިފައިންގެ އަސްކަރީ ތަަމްރީނުތަކެއް ހުޅުމާލޭގައި ހިންގަން ތައްޔާރު ވެއްޖެ އެވެ.

ސިފައިންގެ ތަމުރީނުތަކެއް މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހަށް ހުޅުމާލެ ފޭސް ދޭއްގައި ބާއްވާނެ އެވެ. އެ ތަމްރީނުތައް ކުރިއަށް ގެންދާނެ ވަކި ވަގުތެއް ބުނެފައެއް ނުވެ އެވެ. އެ ތަމްރީނުގައި ސިމިއުލޭޝަންގެ ގޮތުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ އެެވެ. މި ތަމްރީނުތައް ކުރިޔަށް ގެންދާއިރު ހުޅުމާލޭގެ އާ ފޭހަކީ ވަރަށް ގިނަ އަދަދެއް މީހުން މިހާރު ގޮސް އުޅޭ ސަރަހައްދަކަށް ވެފައި ވެއެވެ.

މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް ސިފައިންގެ ގިރިފުށީގައި ވެސް އަސްކަރީ ތަމްރީނުތަކެއް ބާއްވަ އެވެ. އެ ތަމްރީނުތައް ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސި 6:30 އިން ރޭގަނޑު 11:00 އަށް އަށެވެ. އެހެން ނަމަވެސް 28 އިން 30 އަށް ތަމުރީނުތައް ކުރިއަށް ދާނީ އިރުއޮއްސި 6:30 އިން ރޭގަނޑު 9:00 އަށް ކަމަށެވެ.

ގިރިފުށީގައި ހިންގާ ތަމްރީނުތަކުގައި އޭކޭ ސީރީޒް ރައިފަލް ބޭނުންކުރާނެ އެވެ. ތަމްރީނުތަކުގައި ވައިގެ ސަރަހައްދުގެ 4100 މީޓަރު ދުރުމިން ބޭނުން ކުރުމަށް ހަމަޖެހިފައިވާއިރު ވައިގެ ސަރަހައްދު ބޭނުންކުރާ އެންމެ އުސްމިނަކީ 100 މީޓަރެވެ. އަދި ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ތިރި މިނަކީ ސީލެވެލް އެވެ. މި ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުން ކުރާނެ ރޭންޖަކީ ގިރިފުށީ ރޭންޖުން ހުޅަނގު ދެކުނެވެ.