ކުޅިވަރު

ޕެނަލްޓީން ރެއާލް ކޮޅަށް ސޯލާގެ ހެޓްރިކް

މެޗުގައި ލިބުނު ތިން ޕެނަލްޓީން ކާލޯސް ސޯލާ ހެދި ހެޓްރިކާއެކު، ވެލެންސިއާ އިން 4-1 ން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

މަސްޓެޔާގައި ކުޅުނު މެޗަށް، ރެއާލް ދަތުރު ކުރީ ކޮވިޑް ޖެހުމުގެ ސަބަބުން ޓީމުގެ އެންމެ މުހިންމު މިޑްފީލްޑާ ކާލޯސް ކަސެމީރޯ ނުހިމަނަ އެވެ. ފޯވަޑް އެޑެން ހަޒާޑްވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ކަސެމީރޯ ނެތި ކުޅެން ޖެހުމުގެ ތަކުލީފް ރެއާލް މެޑްރިޑަށް ވަރަށް ބޮޑަށް ކުރިމަތި ވި އެވެ.

ރެއާލްގެ ޑިފެންސަށް ކެތް ނުވާވަރަށް ވެލެންސިއާ ހަމަލާތައް ފޮނުވި އެވެ. ކަސެމީރޯ ނެތުމުން ޑިފެންސްގައި ހެދުނު ބާގަނޑުވީ ބޮޑެވެ. މެޗުގައި ރެއާލްއިން ލީޑް ނަގައިދިނީ ކަރީމް ބެންޒެމާ އެވެ. މުޅި މެޗުގައިވެސް ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ރެއާލްއަށް ނުރައްކާތެރި އެއްވެސް ހަމަލާއެއް ފޮނުވާ ނުލެވުނެވެ.

މެޗުގައި ވެލެންސިއާ އަށް ލިބުނު ފުރަތަމަ ޕެނަލްޓީ އަކީ،. ރެއާލްގެ ކަނާތު ބެކަށް ކުޅުނު ލޫކަސް ވަޒްކުއޭޒް އަތުގައި ޕެނަލްޓީ އޭރިއާތެރެއިން ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ކާލޯސް ސޯލާ ފުރަތަމަ ފޮނުވާަލި ޕެނަލްޓީ ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ ދިފާއު ކުރުމުން ރީބައުންސްވި އެވެ. ރީބައުންސްވި ބޯޅަ ސޯލާ ފޮނުވާލުން އަނެއްކާވެސް ދަނޑިގައި ޖެހިފައި ރީބައުންސްވި ބޯޅަ ވެލެންސިއާގެ ޔޫނުސް މޫސާ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.

އެހެންނަމަވެސް ރެއާލްގެ ކުޅުންތެރިން އެޕީލް ކުރުމުން ވީއޭއާރް މެދުވެރިކޮށް މައްސަލަ ބެލުމުން ފެނިގެން ދިޔައީ ޕެނަލްޓީ ފޮނުވާލުމުގެ ކުރިން މޫސާ އޭރިއާގެ ތެރެއަށް ވަން ކަމެވެ. ރެފްރީ ނިންމީ އަލުން ޖެހުމަށެވެ. ސޯލާ ވަނީ ދެ ވަނަ ފަހަރަށް ޕެނަލްޓީ ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ވެލެންސިއާއިން ލީޑް ނެގި އެވެ. އެ ލަނޑަކީ ރެއާލްގެ ޑިފެންޑަރު ރަފޭލް ވަރާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ވެލެންސިއާަގެ މެކްސީ ގޯމޭޒް ފޮނުވާލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ވަރާންގެ ބޯޅަ ގޮސް ޖެހުނީ ގޯލް ގެ އެތެރެއަށެވެ. ގޯލްލައިން މަތިން ބޯޅަ ދިފާއު ކުރި ނަމަވެސް ވީއޭއާރުން ބެލުމުން އެނގިގެން ދިޔައީ ގޯލް ލައިން އެތެރޭގައި ބޯޅައިން ޖެހުނު ކަމަށެވެ.

ވެލެންސިއާ އަށް ލިބުނު ދެ ވަނަ ޕެނަލްޓީ އަކީ، ރެއާލްގެ ޑިފެންޑަރު މާސެލޯ ވިއޭރާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ތިން ވަނަ ޕެނަލްޓީ އަކީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރޯމޯސް އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ.