އަހުމަދު ޝިޔާމް

ރެޒިޑެންޓް ވިސާ: ނުބައި މަގުސަދެއް ހާސިލްކުރުމުގެ ކޮޅުމަތި

ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމުން ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އިސްލާހުތަކެއް ގެނެސްފައި އެވެ. އެންމެ ފުރަތަމަ މި ބިލު ދިރާސާކުރުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އޮތީ ރާއްޖޭގެ ބޭންކެއްގައި 500،000 ޑޮލަރު ބަހައްޓާ ފަރާތްތަކަށް ވިސާ ދޫކުރެވޭ ގޮތަށެވެ.

ނަމަވެސް، އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން އެ އަދަދު 250،000 އެމެރިކާ ޑޮލަރަށް ދަށްކޮށް، ކޯޕަރޭޓް ރެޒިޑެންޓް ވިސާގެ ދެ ބާވަތެއް ދޫކުރުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

މިހާރު އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން އެމެރިކާ ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ.

މިގޮތުން، ރާއްޖޭގެ ބޭންކެއްގައި 250،000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަތަކަށް ބަހައްޓާފައިވާ ފަރާތްތަކަށް، އެ މުއްދަތަށް ވިސާ ދޫކުރުމުގެ އިތުރުން، ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޮންމެ ފަސް އަހަރަކުން އިންވެސްޓްމެންޓްގެ މުއްދަތުގައި ވިސާ ދޫކުރުމަށް ވަނީ ހިމަނައިފަ އެވެ.

މެންބަރު ޝިޔާމް ވިދާޅުވީ މި އިސްލާހަކީ ދިވެހި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"އެންމެ 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ވިސާ އިސޫ [ދިނުން] ކުރަން ފެށުމަކީ ގައުމަށް ގައްދާރުވެ، ނުބައި ދުރު އަމާޒެއްގެ މަގުސަދު ހާސިލް ކުުރުމުގެ ކޮޅުމަތި،" މަޖިލީހުގެ ނިންމާ ދެކޮޅު ހައްދަވާ ޝިޔާމް ވިދާޅުވިއެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާގެ އިތުރުން، މިޓީން ވިސާއެއް ދޫކުރެވޭ ގޮތަށް ވަނީ ގާނޫނު އިސްލާކޮށްފައި އެވެ. މީޓިންގް ވިސާ ދޫކުރެވޭނީ ކޮންފަރެންސްތަކާ މީޓިންތަކުގެ އިތުރުން ސަރުކާރުން ހުއްދަދީގެން ބާއްވާ އިވެންޓުތަކަށް އަންނަ ފަރާތްތަކަށެވެ.

މީގެ ކުރިން އެފަދަ ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް ބިޒްނަސް ވިސާ ނަގަންޖެހޭރު، އެކަމުގެ އުނދަގޫތަކުގެ ޝަކުވާތައް ކޮމިޓީގެ މަރުހަލާގައި ވަނީ މަޝްވަރާ ކުރެވިފައި އެވެ.

މީގެ އިތުރުން، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި، އެ ކައިވެނިން ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ މަރުވެފައިވާ ހާލަތުގައި، އޭނާގެ ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ރެޒިޑެންޓް ވީޒާ ދޫކުރުމަށް ވަނީ ހިމަނައިފަ އެވެ.

މިގޮތުން، ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 53 މެންބަރުންގެ ވޯޓުންނެވެ.

އެ ބިލު ފާސްކުރުމަށް ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރަކުވެސް ތިއްބެވި އެވެ.