ވިޔަފާރި

ވިޔަފާރީގެ ހިދުމަތްތައް ލިބޭ ވަން ސްޓޮޕް ޝޮޕެއް އުފައްދަނީ

Nov 10, 2020

ސަރުކާރުން ދޭ ވިޔަފާރިއާ ގުޅޭ ހުރިހާ ހިދުމަތް ތަކެއް އެއް ތަނަކުން ލިބޭ "ވަން ސްޓޮޕް ޝޮޕް" އެއް އަންނަ އަހަރު އުފައްދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ޕީއެސްއެމް ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި ސަރުކާރުގެ ޓްރޭޑް ނެޓް ކުންފުނީގެ ދަށުން ވިޔަފާރި މޮޑެލްއެއްގައި ގޮތުގައި އުފައްދާ "ވަން ސްޓޮޕް ޝޮޕް" ގެ ސަބަބުން ވިޔަފާރިތަކަށް ހިދުމަތް ހޯދަން ފަސޭހަ ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވިޔަފާރީގެ މާހައުލަކީ ފަސޭހަ ގޮތެއްގައި ހިދުމަތްދޭނެ މާހައުލަކަށް ހަދަން. މިގޮތުން ރައްޔިތުންނާއި ވިޔަފާރި ތަކަށް ފަސޭހަ ކޮށްދިނުމަށްޓަކައި އުފައްދާ ތަނެއް މިއީ. މިތަނުން ރޭގަނޑު ވެސް ހިދުމަތް ލިބޭނެ. އެހެންވީމަ ހިދުމަތް ހޯދާ ފަރާތް ތަކަށް އިތުރު ވަގުތު ވެސް ލިބިގެން ދާނެ. މިއީ ކޮމާޝަލް މޮޑެލްއެއްގައި ހިނގާނެ ތަނެއް،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިސްޓްރީއާ އެ ކުންފުންޏާ މެދު ވެވޭ އެއްބަސްވުމުގެ ދަށުން، ވިޔަފާރިއަށް ހުއްދަ ދިނުން ފަދަ ހިދުމަތްތައް ވެސް ލިބޭނެ ކަމަށެވެ.

"މިމަސް ތެރޭގައި އަޅުގަނޑުމެން އެމްއީޑީގެ [އިކޮނޮމިކް މިނިސްޓްރީ] އިން ކޯލް ސެންޓަރެއް ވެސް މިމަހު ތެރޭގައި އުފައްދާނެ. މިއީ ފޯނު ނެގުމުގެ މައްސަލައަށް ހައްލު ހޯދަން. މިހާރު ހަމަ ފޯނެއް ނުނެގޭ. ސަބަބަކީ މުވައްޒަފުން މަދުވުން. ނަމަވެސް މިމަހު ފަށު ކޮޅުން ފެށިގެން ކޯޕަރޭޓް މޮޑެލްއަކަށް މިކަންވެސް މި ބަދަލު ކުރަނީ،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން ދެން އެންމެ އިސްކަމެއް ދީފައިވާނީ ވަޒީފާ ތަކެއް އުފައްދަން ކަމަށެވެ.

"ޖޮބް ސެންޓަރުގެ މަސައްކަތަކަށް ވާނެ ހިމެނިފައި. މިއީ ވަޒީފާ ގެއްލިފައިވާ ފަރާތްތަކާއި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް. ބިދޭސީން ވަޒީފާތައް މަދު ކުރުމުން ވެސް. މިގޮތުން ޖޮބް ސެންޓަރުގެ ތެރޭގައި ތިބި ފަރާތް ތަކަށް ތަމްރީން ދިނުން ވެސް ހިމެނޭ،" ފައްޔާޒު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖެއަށް އިންވެސްޓްމަންޓް ގެންނަން އަހަމިއްޔަތު ކަމެއްދީ، މަސްވެރިކަން ޕްރޮމޯޓް ކުރަން ވެސް އިސްކަމެއްވީ ދަނޑުވެރިކަން ފުޅާ ކުރަން ވެސް މި އަހަރު ވިސްނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ސަރުކާރު ނޫނީ ނެތް އަނެއްހެން ސަރުކާރުގެ ލެވަލްއެއްގައި ދަނޑުވެރިކަން ޕްރޮމޯޓް ކުރަން އިންޓަވެންޝަންއެއް މި ގެނައީ. ދަނޑުވެރިކަން ކުރާ ފަރާތް ތަކަށް ޔަގީންކަމެއް މި ދެނީ. ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިކަމުގެ އެއްޗިހީގައި ހުންނަން ޖެހޭ ސިއްހީ މިންގަނޑު ތަކެއް. ސްޓޭންޓަޑާ އެއްގޮތަށް އުފައްދާ ތަކެތި އެއްބަސްވާ ގޮތަކަށް ގަންނާނެ ކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.